ފުވައްމުލައް ސިޓީގައި ވޯޓުކަރުދާސް ކޮޅު ފޮޓޯ ނެގި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާއިރު ފުލުހުން ބުނީ ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް އަމާންކަމާ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް "އޮޕަރޭޝަން ބްލޫ ވޭވްސް" ގެ ނަމުގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ފުލުހުން ތިބީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އާންމުންގެ ރައްކާތެރި ކަމަށް ތައްޔާރުވެގެން ކަމަށާއި އިންތިހާބަކީ އޮމާން އިންތިހާބަކަށް ހެދުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމުކަމަށެވެ.

މީގެ އިތުރުން އިންތިހާބާ ގުޅިގެން ޗީފް ކޮމާންޑަރު އަހުމަދު ޝާކިރު ދެއްވި މެސެޖުގައިވަނީ ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވެއްދުމަށް އިލްތިމާސްކޮށްފައެވެ. އަދި ވޯޓުލާންދާ އިރު ހުއްޓެން ޖެހޭ ކިޔު ޔަގީން ކުރުމާއި ވޯޓް ލުމަށް ފަހު ވޯޓުލާ ސަރަހައްދުގައި މަޑުނުކޮށް ދިއުމުގެ އިތުރުން އަމާންކަމާއި ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.