މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަބޫދާބީއާއި ލަންޑަން ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް ވިދާޅުވީ ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓުލަމުން އެބަ ގެންދަވާ ކަމަށެވެ.
ލަންޑަނާއި އަބޫދާބީގައި ބެހެއްޓި ވޯޓި ފޮއްޓަށް ވޯޓުލާން ފަށާފައިނުވަނީ ކަނޑައެޅިފައިވާ ވަގުތު ނުޖެހޭތީއެވެ. ލަންޑަނުގައި ވޯޓުލާން ފަށަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު 12:30 ގައެވެ. އަދި އަބޫދާބީގައި ވޯޓުލާން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10 ޖަހާއިރެވެ.
މި ބުރުގައި 9 ވޯޓު ފޮށި ރާއްޖެއިން ބޭރުގައި ބަހައްޓަން ވަނީ ނިންމާފައެވެ. މިދިޔަ ބުރުގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިވަނީ 8 ފޮށި ކަމަށްވީ ނަމަވެސް މި ބުރުގައި އިތުރު އެއް ފޮށި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ބަހައްޓާފައެވެ.
އެގޮތުން ޔޫއޭއީ، އަބޫދާބީގައި އެއް ފޮށި އިންޑިއާ، ޓްރިވެންޑްރަމް އަދި ސްރީލަންކާ، ކޮލޮމްބޯގައި ދެ ފޮށި މެލޭޝިއާ، ކުއަލަލަމްޕޫރު ގައި ތިން ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު އިންގްލޭންޑް، ލަންޑަައި ބަހައްޓަނީ އެއް ފޮއްޓެވެ.
ރިޔާސީ އިންތިހާބުގެ މި ބުރުގައި 282604 މީހަކަށް ވޯޓުލުމުގެ ހައްގު ހަމަވާއިރު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މި ބުރު ކުރިއަށް ގެންދަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމާ ގުޅިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންގެ މެދުގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ. އަދި ރިޔާސީ އިންތިހާބުގެ މިދިޔަ ބުރުގެ ފަހުން އިތުރު 409 ކުއްޖަކަށް 18 އަހަރުވެ މި ބުރުގައި ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ.