ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު އަދާކޮށް ވޯޓުލުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެދިވަޑައިގެންފިއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސެންބެ ވަނީ ދިވެހި ހުރިހާ ރައްޔިތުން ވެސް އެ މީހަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު އަދާކުރުމަށް، ވީހާވެސް އަވަހަކަށް ނުކުމެ ވޯޓުލުމަށް ގޮވާލައްވާފައެވެ.
ސެންބެ ވިދާޅުވީ މި ރިޔާސީ އިންތިހާބަކީ ކޮންމެ 5 އަހަރުން ލިބޭނެ އެންމެ މުހިންމު އެއް ފުރުސަތު ކަމަށް ވާތީ ޒިންމާ ނަގައި އެ ވާޖިބު އަދާ ކުރުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
ސެންބެ ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ. ސެންބެ ވޯޓުލައްވާފައި ވާއިރު މުއިއްޒު ވެސް ވަނީ ވޯޓުލައްވާފައެވެ. ދެން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00ގެ ފަހުންނެވެ.
ރިޔާސީ އިންތިހާބުގެ މި ބުރުގައި 282604 މީހަކަށް ވޯޓުލުމުގެ ހައްގު ހަމަވާއިރު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މި ބުރު ކުރިއަށް ގެންދަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމާ ގުޅިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންގެ މެދުގައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ. އަދި ރިޔާސީ އިންތިހާބުގެ މިދިޔަ ބުރުގެ ފަހުން އިތުރު 409 ކުއްޖަކަށް 18 އަހަރުވެ މި ބުރުގައި ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ.