އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅެމުން ދާ ގެއަށް މީހަކު ވަދެ އެމީހާ ބަނުމަށް ފަހު ފޭރުނު މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 6:12 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އެމީހާ ބަނދެފައި ވަނިކޮށް ސަލާމަތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މީހާއަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އާންމުވެފައި ވާ ފޮޓޯއަކުން ފެންނަ ގޮތުގައި އެމީހާގެ މޫނުމަތީގައި ޒަހަމްތައް ހުރި އިރު 2 އަތުގެ ހަންގަނޑު މެށި ލޭ އައިސްފައި ވެސް ހުއްޓެވެ. އަދި އޭނާ ހުސް ގަޔާ ހުރި އިރު ގައިގައި ލޭ ހޭކިފައި ހުރިކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އުމުރުން 50 އަހަރުގެ ދިވެހި ފިރިހަނަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ނަމަވެސް އޭނާ ފޭރުނީ ކޮންއެއްޗެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.