ފުރަތަމަ ނިންމަން ބުނި ތާރީހަށް ނުނިންމޭނެ ކަމަށް ބުނެ، ދެވަނަ ފަހަރަށް އާކުރި ތާރީހަކަށް ވެސް އަމީނީމަގުގެ މަސައްކަތްތައް އެއްކޮށް ނިންމައެއް ނުލެވުނެވެ.

މާލޭގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާ ގޮތަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އަމީނީމަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އެ މަގުގައި ތާރު އަޅައި ތަރައްގީކޮށް ނިންމަން އޭރު ހިފާފައި އޮތީ ފެބްރުއަރީ މަހުގައި ކަމަށް ވިޔަސް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް މުޅިންހެން ނިންމާލެވޭނީ މިއަދުގެ ނިޔަލަށް ކަމަށެވެ.

އެހެން ނަމަވެސް އަސްލަމް ވިދާޅުވި ގޮތަށް އަމީނީމަގު އެއްކޮށް ތަރައްގީކޮށް އާރުޑީސީ އަކަށް ނިންމައެއް ނުލެވުނެވެ. އަމީނީމަގުގެ މަސައްކަތް އެންމެ ފަހުން ނިންމާލެވިފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އިދާރާ ހުރި ސަރަހައްދާ ހަމައަށެވެ. އިއްޔެގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ޕްލޭނިން މިނިސްޓްރީގެ އިދާރާ އާ ހަމައަށް އަމީނީމަގުގައި ތާރު އަޅައި، ދުވާރު ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްފައިވެއެވެ.

އަމީނީމަގުގެ މަސައްކަތް ކޮށް ނިންމާލެވުނު ސަރަހައްދު (ޕްލޭނިން މިނިސްޓްރީ ކައިރި) / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އެ ސަރަހައްދުގައި އާރުޑީސީގެ އެއްވެސް އުޅަނދެއް އަދި މަގު ހަދާ މީހެއް ވެސް ފެންނާކަށް ނެތެވެ. އެ ސަރަހައްދުގައި އަމީނީމަގުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފައެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދާލުމަށްޓަކައި އާރުޑީސީގެ ބައެއް އޮފިޝަލުންނަށާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އިތުރުން، މިނިސްޓަރު އަސްލަމަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މީގެ ކުރިން ވެސް އަމީނީމަގުގެ މަޝްރޫއު ހުއްޓި، މަސައްކަތް މަޑުޖެހިފައިވެއެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިއުން އާރުޑީސީ އަށާއި ސަރުކާރަށް އަމާޒުވެފައިވެއެވެ. އެ ފާޑުކިއުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އޭރު ބުނީ، އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ކަމަށެވެ.