ގަވާއިދާ ހިލާފަށް ޕާކްކޮށްގެންކޮށްފައިވާ ޖޫރިމަނާ މައާފުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައިވާތީ އެ ޖޫރިމަނާ މައާފުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމް ތެރެއިންވެސް އުނިކޮށްފައިވާކަަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރޭ އެ މިނިސްޓްރީން ބުނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޖަހާފައިވާ ޕާކިން ސްޓިކާ އާ ގުޅިގެން ނޮވެމްބަރު 17 2018 އިން ސެޕްޓެމްބަރު 5، 2023 ގެ ނިޔަލަށް ކުރެވިފައިވާ ޖޫރިމަނާތައް މައާފުކޮށް ދިނުމަށް ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް އެ މިނިސްޓްރީން ޖޫރިމަނާތައް މައާފްކޮށްދީފައިވާކަމަށެވެ. އަދި ޖޫރިމަނާތައް އެ މިނިސްޓްރީގެ ސިސްޓަމް ތެރެއިން އުނިކޮށްފައިވާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިިނިސްޓްރީން ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މި މުއްދަތުގެ ތެރޭގައި އަރާފައިވާ ޖޫރިމަނާއަކާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ، އެކަން މިނިސްޓްރީއަށް މެއިލްގެ ޒަރިއްޔާއިން އެންގުމަށް އެދިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދިނުމަށް ނިންމާ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެހެންނަމަވެސް މި ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.