ނެދަލޭންޑްސްގެ ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ގުރުއާން މުސްހަފްތަކެއް ވީދާލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އާއްމު ތަންތަނުގައި ތަކުރާރުކޮށް ގުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ އަމަލުތަކެއްކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ދުނިޔޭގެ އެކި ތަންތަނުގައި މުސްލިމުންނާމެދު ނަފުރަތު އުފައްދާ ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ނެދަލޭންޑްސްގައި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ހިންގަމުން ގެންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެކެވެ.