އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ އުރީދޫ މޯލްޑިވްސް މައި އޮފީސް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އުރީދޫން ބުނީ، 11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް އިފްތިތާހު ކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި އިމާރާތް އަލިކޮށްލާފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސް އާ އޮފީސް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ، އުރީދޫ މޯލްޑިވްސް އަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއް ކަމަށާއި އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފްކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭ ކަމަށް ނައިބު ފާހަގަކުރެއްވިއެވެ،
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުސްމާން ފަހްރޫ ވިދާޅުވީ، ރާއްޖެ އަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށެވެ.
މި އާ އޮފީހަކޫ ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށާއި ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ފަހަގަކުރެއްވިއެވެ.
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ މޯލްޑިވްސް ގެ އާ މައި އޮފީސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ހީވާގި ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް ކަމަށެވެ.
އުރީދޫން ބުނީ، ހުޅުމާލޭގެ މެދުގައި ބިނާކޮށްފައިވާ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްފައިވާ ކަމަށެވެ.
ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.
މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިން ކަމަށާއި މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަރ ރޭޓެޑް ދޮރުތަކާއި ފަޔާ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔާ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާ ކަމަށެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.