ލ. އަތޮޅުގެ، އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ އާއި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
އިސްމާއިލާއި ސިރާޖު ޕީޕީއެމްއަށް ގުޅިވަޑައިގެންފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ލ. އަތޮޅަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން، ލ. ގަމުގައި ބޭއްވި ޖަލްސާގައެވެެ.
ސިރާޖަކީ މީގެކުރިން އެމްޑީޕީ މެންބަރަކަށް ވި ނަމަވެސް އެ ޕާޓީން ވަކިވެވަޑައިގެން ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯއްދެވި ކަމުގައިވީ ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.
އިސްމާއިލް ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ އިރު، އެ ޖަލްސާގައި އެމްޑީޕީ އާއި ޖޭޕީ އަދި އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވި އާންމު މެންބަރުން ވަނީ ޕީޕީއެމްއަށް ގުޅިފައެވެ. އަދި އެ ޖަލްސާގައި ލ. އަތޮޅުގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ޕީޕީއެމްއާ ގުޅިފައިވާ އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.
މިދިޔަ އިންތިހާބުގައި ލ. އަތޮޅުން މުއިއްޒު ވަނީ މެޖޯރިޓީ ހޯއްދަވާފައެވެ. އެގޮތުން 51.79 ޕަސެންޓާއެކު މުއިއްޒު އެ އިންތިހާބުގައި ލ. އަތޮޅުން މެޖޯރިޓީ ހޯއްދެވި އިރު އެންމެ ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލ. އަތޮޅުން ލިބިވަޑައިގެންފައި ވަނީ 38.14 ޕަސެންޓެވެ.
ފާހަގަކުރެވޭ ގޮތުގައި މިއީ ލ. އަތޮޅުން އިންތިހާބެއްގައި އެމްޑީޕީ ނޫން ޕާޓީއަކަށް މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ. އަދި ސިރާޖަކީ އަދުރޭއާއެކު މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކުރި ހޯއްދެވި މެންބަރެވެ.