ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން އަލުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާފައެވެ.

ދުންޔާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވަނީ އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، މިހާރު ހުޅުމާލޭގައި ކުރިއަށްދާ ކަންމަތީ ޖަލްސާއެއްގައެވެ.

ދުންޔާގެ ފޯމާ ހަވާލުވެވަޑައިގެންފާ ވަނީ ޑރ. މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ދުންޔާ ހުންނެވިއިރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އެއަށްފަހު ވެރިކަން ބަދަލުވުމާއެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޑީއެންއޭއާ ދުންޔާ ވަނީ ގުޅިވަޑައިގަންނަވާފައެވެ.

ޖުލައި 15، 2021 ގައި އެމްއެންޕީ އުފެދުމާއެކު ދުންޔާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޕީގައި ކަމަށްވާއިރު އެ ޕާޓީގެ އިސް ސަފުގައި ދުންޔާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތްތަކުން ދުންޔާ ފެނިވަޑައިގެންނެވިއިރު އޭނާ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފައިވަނީ އެ ބުރުން ލިބުނު ނާކާމިޔާބީއާއެކު އެ ޕާޓީއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ކޯލިޝަން ހެދުމާއެކު މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ދުންޔާ ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

ދުންޔާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާއިރު ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ ގެންދަވަނީ ރައީސް އިބްރާހިމަށް ތާއީދުކުރައްވަމުންނެވެ. އަދި ޣައްސާން ހުންނެވީ މީގެ ކުރިއެކޭ އެއްގޮތަށް ޕީޕީއެމްގައި ކަމަށްވާއިރު ރިޔާސީ އިންތިހާބުގެ މިދިޔަ ބުރުގައި ވާދަކުރެއްވި އަހުމަދު ފާރިސް ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވާފައެވެ.