ޓެކްސް އެޕީލް ޓްރިބިއުނަލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދިނުމުން އެ އޮފީހުގެ މުވައްޒަފުން މިއަދު ވެސް އިހްތިޖާޖު ކުރަން ފަށައިފިއެވެ.

ކަޅު ހެދުމުގައި އެ އޮފީހުގެ މުވައްޒަފުން ނުކުމެ އޮފީހުގެ ކުރިމަތީގައި އިހްތިޖާޖުކުރަމުންދާއިރު ބައެއް މުވައްޒަފުން ވަނީ އެމީހުންގެ މުސާރަ ބޮޑު ނުވާތާ 12 އަހަރުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އިހްތިޖާޖުގެ ބައިވެރިން ބޯޑުތައް ހިފައިގެން ނުކުމެ ތިބިއިރު، "މުސާރައިގެ ކުރިއެރުން ހައްގު ވަނީ ވަކި ބަޔަކަށްތޯ؟"، ދެން މަސައްކަތް ކުރެވޭނީ މުސާރަ ބޮޑު ކުރުމުން"، "އަދި މަޑު ކުރަންވީ ކިތައް 12 އަހަރު؟" ފަދަ މުވައްޒަފުންގެ ޝުއޫރުތައް އެ ބޯޑުތަކުގައި ވެއެވެ.

މި އިހުތިޖާޖުގައި ގާތްގަނޑަކަށް 8 ވަރަކަށް މުވައްޒަފުން ހިމެނެއެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދިނުމުން އެ އޮފީހުގެ މުވައްޒަފުން އިއްޔެ ވެސް ވަނީ އިހްތިޖާޖުކޮށްފައެވެ. އަދި މުވައްޒަފުން ވަނީ ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލު ގެންނަމުން ދިޔަ ނަމަވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެސްދެއްވާފައެވެ. އެގޮތުން ބަލާއިރު ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން ހިމެނެއެވެ. އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ރޭ ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.