ކުޑަދޮށުގައި މެންބަރުން ތިއްބަވައި، ތަޅުމަށް ވަދެވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މެންބަރުން ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވުމަކީ މަޖިލީހުގެ މަސައްކަތުގެ ތެރެއިން ބައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތީ އަންނަ މަހު ބާއްވަން ނިންމާފައިވާ ނިޒާމު ކަނޑައެޅުމުގެ ވޯޓުލާން ބޭނުންކުރާ ކަރުދާހުގައި ސުވާލު އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ކުރާ ގޮތަށެވެ. ނަމަވެސް ދެ މެންބަރުން ހާޒިރުވެވަޑައިނުގަންނަވާތީ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ޖެހުނީ ނިންމާލާށެވެ.

މި ހަފްތާ އަކީ އިންތިހާބަށް ކެމްޕެއިންކުރަން ލިބޭ ފަހު ހަފްތާކަމުން ޕާޓީތަކުން ކެނޑިނޭޅި ކެމްޕެއިންކުރަން ޖެހޭނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ކެމްޕެއިންގެ މަސައްކަތުގައި މެންބަރުން އުޅުއްވުމަކީ މަޖިލީހުގެ މަސައްކަތުގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކަންބޮޑުވަނީ ކުޑަދޮށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީވެ، [ކެމްޕެއިން] މަސައްކަތުގައި އުޅުއްވީމާ ކުރެއްވެނީ ހަމަ މި މަޖިލީހުގެ މަސައްކަތް،" ނަޝީދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 10 މިނެޓަށް މަޑުކުރެއްވުމަށް ފަހު ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެއް މާދަމާ ކުރިއަށް ގެންދެވޭނީ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ފަހު، އެ މެންބަރުންނަށް ހާޒިރުވެވަޑައިގެންނެވޭނެ ނަމަ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ އެއް މާދަން އޮންނާނެ ކަން ޔަގީނެއްނޫނެވެ.

"މިއަދުގެ ޖަލްސާ ނުބޭއްވޭތީ އެގޮތަށް މި ނިންމީ،"