އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރަން އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އުތުރު ތިލަފަޅުގައި، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްގީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއާ ފެސިލިޓީއެއް ކަމަށެވެ.

މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ހާމަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، މި މަޝްރޫއުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.

މިއީ ބޭރު ގައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ތަކުރާރުކުރަމުން އެމްއެންޑީއެފުން ވަނީ އެ މަޝްރޫއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގު ވާހަަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.