އާންމުންގެ މެދުގައި މަގްބޫލުވި "ހެރީ ޕޮޓާ" ގެ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހޮލީވުޑްގެ ބަތަލާ އެމާ ވަޓްސަން 33، ކިޔަވަން ފަށައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރިގޮތުގައި އެމާ މާސްޓާ ޑިގްރީ ޕްރޮގްރާމަށް ކިޔަވަން ދަނީ އިންގްލޭންޑުގައި ހުންނަ އޮކްސްފޯޑު ޔުނިވާސިޓީއަށެވެ. އެމާ ކޮލެޖަށް ދާން ފެށިނަމަވެސް އޭނާގެ ކޯހުގެ ގިނަ މާއްދާތަކަކީ އޮންލައިންކޮށް ގިނައިން ކިޔަވަންޖެހޭ މާއްދާތަކަކަށް ވުމުން އެހާ ގިނައިން ކޮލެޖަށް ދާކަށް ނުޖެހެއެވެ. ޕާޓްޓައިމްކޮށް ބަތަލާ ކިޔަވަމުން އަންނައިރު ކޮލެޖަށް ދާ ދުވަސްދުވަހު އޭނާގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްހޫރު ތަރިއަކަށްވުމުން ދިމާވެދާނެ ހާދިސާއަކަށްޓަކައި އެމާގެ ސެކިއުރިޓީ ވަރުގަދަ ކުރީ ކޮލެޖަށް ދާން ފެށިފަހުން، އާންމުންގެ ގިނަ އުނދަގޫތައް ތަހައްމަލުކުރަން ޖެހުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.
އިންގްލިޝް ލިޓްރޭޗާ އިން ބެޗްލާސް ޑިގްރީއެއް މީގެ ކުރިން ހާސިލްކޮށްފައިވާ އެމާ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު ބަތަލާއެކެވެ. ކުޑައިރުން ފެށިގެން ސްކްރީނުގައި މަސައްކަތްކުރަމުން އަންނަ އެމާ އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ގެނެސްދިން "ލިޓްލް ވިމެން"އެވެ.
އޮކްސްފޯޑު ޔުނިވާސިޓީ އަކީ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޔުނިވާސިޓީތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ބަލައިގަންނަ ޔުނިވާސިޓީއެވެ.