ފާއިތުވި 24 ގަޑއިރު ތެރޭ ހއ.ކެލައަށް ނިސްބަތްވާ ތިން މީހުން ނިޔާވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ފުރަތަމަ ނިޔާވީ އެ ރަށުގައި ދިރިއުޅެމުންދާ އަހުމަދު ވަހީދު އެވެ. އޭނާ ނިޔާވެ ގޭގައި އޮއްވާ ފެނުނީ އިއްޔެ ހަވީރު ހައެއް ޖަހާކަންހާއިރެވެ.
އެއީ ކުއްލި މަރެއް ކަން ފާހަގަ ކުރައްވާ އިންފާޒް ވިދާޅުވީ އިއްޔެ ހަވީރުވެސް އަހުމަދު ވަހީދު މަގުމަތީގައި މީހުންނާ ސަކަރާތް ޖަހައި އުޅުނު ކަމަށެވެ. އޭނާ ވަނީ ކެލާ ޕޮލިސް ސްޓޭޝަންގެ ކޭޓަރިންގެ ހިދުމަތް ދިނުމުގައިވެސް މަސައްކަތް ކޮށްފައެވެ. ކަށު ނަމާދުކޮށް އަހުމަދު ވަހީދު ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށްފަހުއެވެ.
އެއަށްފަހު ނިޔާވީ އެ ރަށަށް ގިނަ ގުނަ ހިދުމަތް ތަކެއް ކޮށްދެއްވާފައިވާ އެއް އާއިލާއެއްގެ ދެ ބޭފުޅުންނެވެ. ޑެންގޫ ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު އެންމެ ފުރަތަމަ ނިޔާވީ ގިނަ އަހަރުތަކެއް ވަންދެން ކެލާގެ ކުޑަކަތީބުކަން ކުރެއްވި އެ ރަށު ފަރިހިގެ / އިބްރާހިމް އަފީފް އާދަމް، 69އ. އެވެ. އޭނާ ނިޔާވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
އަދި އޭގެ ފަހުން މިއަދު ހެނދުނު ނިޔާވީ، ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި އިސްތާނާގެ / އަހުމަދު ފައިސަލް، 58އ އެވެ. ސްކޫލުގެ ހެޑްމާސްޓަރުކަމުގެ އިތުރުން ފައިސަލް ވަނީ ޓީޗަރެއްގެ މަގާމާއި ޕްރިންސިޕަލެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައްވެސް ފުރުއްވާފައެވެ. 36 އަހަރަށްވުރެ ދިގު މުއްދަތެއްގަައި ތައުލީމީ ދާއިރާއަށް ފައިސަލް ހިދުމަތް ކުރެއްވުމަށްފަހު މަސައްކަތުން ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގައި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލެއްގެ މަގާމުގަ އެވެ. ފައިސަލްވެސް ނިޔާވެފައިވަނީ ޑެންގޫ ހުން ޖެހިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އަފީފްއަކީ ފައިސަލްގެ ޅިޔަނެކެވެ. ދެ ބޭފުޅުންވެސް ވަޒީފާއިން ރިޓަޔާ ވުމަށްފަހު ދިރިއުޅުއްވަނީ މާލޭގައެވެ. ފައިސަލްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ކައިރި ކައިރީގައި ހއ. ކެލައަށް ނިސްބަތްވާ ތިން މީހުންގެ މަރުގެ ހަބަރާއެކު މުޅި ރަށް ވަނީ ހަމަހިމޭންވެފައި ކަމަށް ކެލާ ކައުންސިލްގެ ރައީސް އިންފާޒް ވިދާޅުވިއެވެ.