ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ވޮޗް ލިސްޓުގައި ހިމެނޭ އައްޑޫ ސިޓީ މިދޫ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިން މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ، ހުކުރު ވަގުތު އައްޑޫ ކޯގަންނު ގަބުރުސްތާނުގައި ހުރި އާސާރީ މަހާނަ ގާތަކަކަށް ގެއްލުން ދީފައިވާއިރު އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މިއީ އެތަނުގައި ސެކިއުރިޓީ ނެތް ގަޑި ބެލުމަށްފަހު ރާވައިގެން މީހަކު ނުވަތަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އަދި އެެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިތާ މިއަދަށް 4 ދުވަސްވެފައިވާއިރު މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ އެ ރަށުގެ ގިނަ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން މީދޫ ފަދަ އާބާދީ ކުޑަ ރަށެއްގައި މިފަދަ ކަމެއް ކުރި މީހަކު ހޯދުމަށް ގިނަ ދުވަސްތައް ނެގުމަކީ އެފަދަ އިތުރު ކަމެއް ތަކުރާރުވުމަށް ހުޅުވިގެންދާ ދޮރެއްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މަހާނަ ގާތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރަނީ ބައެއް މީހުން ގެންގުޅޭ ވިސްނުންތަކުގެ ސަބަބުން ކަމަށަ އެހެން ނަމަވެސް އެއީ ތާރީހީ ގޮތުން އަގުހުރި މުހިންމު ތަރިކައެއް ކަމަށެވެ. އިތުރަށް ޔުމްނާ ވިދާޅުވީ އެ ކަންކަން ހުއްޓުވުމަށް ކުރުން އެންމެ މުހިންމު ކަމަކީ އެ ފަދަ ކަމެއް ކުރާ މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

ކޯގަންނު ގަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ރާއްޖޭގައި ފެންނަން ހުރި ގަބުރުސްތާނެވެ. މީގެ ކުރިންވެސް ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަށް ގެއްލުން ދީފައިވެއެވެ.