މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ރީ-ރަޖިސްޓާވުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްހަކަން ކަށަވަރު ކުރެވުނީ 38،763 ފޯމުގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅާފައި ވަނީ ޖުމްލަ 50،047 ފޯމް ކަމަށެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 26،011 ފޯމާއި އީސީއަށް ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅި 24،036 ފޯމު ކަމަށެވެ.

އޮންލައިން ހުށަހެޅި 26،011 ފޯމުގެ ތެރެއިން 20،902 ފޯމުގެ ސައްހަކަން ކަށަވަރުކުރެވިފައިވާއިރު ކަރުދާސް ފޯމުން ހުށަހެޅި 24،036 ފޯމުގެ ތެރެއިން 17،861 ފޯމުގެ ސައްހަކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި ސައްހަކަން ކަށަވަރު ނުވީ އޮންލައިން ހުށަހެޅި 5،109 ފޯމާއި ކަރުދާސް ފޯމުން ހުށަހެޅި 6،175 ފޯމާއެކު ޖުމްލަ 20،902، ފޯމުގެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅާފައިވާ ފޯމުތައް ހިމެނޭ ކަމަށް ހަބީބް ވިދާޅުވެފައިވެއެެ. އަދި ކަރުދާސް ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ފިންގާޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމުގެ އިތުރުން ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން ހިމެނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަބީބް އިތުރަށް ވިދާޅުވީ ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް އެ ކޮމިޝަނުން ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދީފައިވާނެ ކަމަށެވެ.

މިއަދާއި މާދަމާ ކޮންމެ މީހަކު ވެސް އެ މީހަކު ރީ-ރަޖިސްޓަރީ ވެފައިވަނީ ކޮންތަނަކަށްތޯ ކަށަވަރު ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް އީސީއިން ވަނީ އިލްތިމާސްކޮށްފައެވެ. ދެވަނަ ބުރަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭގެ 9:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.