ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު ނެގުމުގެ ކުރިން ސާފުކުރަން ޖެހޭ ކަންކަން ހުރުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، އާންމު ވޯޓު ނެގުމަށް، މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ލިބިފައިވާ ކަމަށެވެ. އަދި އެ ގަރާރާ މެދު އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ ހޯދާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަން އެބަ ހުރި ކަމަށާއި އެކަމާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައި ވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް އީސީން ޖަވާބު ބޭނުންވާ ކަންކަމަކީ ކޮބައިކަމާއި އެކަމާ ބެހޭ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އަންނަ މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާ އެ ގަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރުގައި ގޮވައިލައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އިއްޔެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއިދާ ވެސް އެކުގައެވެ. ނަމަވެސް ޕީޕީއެމް އާއި ޕީއެންސީން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

މީގެ ކުރިން ހަބީބް ވިދާޅުވެފައި ވަނީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެ ނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާ އިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އަދި އެ އިންތިހާބަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިފަދަ އިންތިހާބެއް ބާއްވާއިރު އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށާއި ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އީސީގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުއެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފައެވެ.