އިންޑިއާގެ ޕަންޖާބުގައި 'ހާލިސްތާން' ގެ ނަމުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރި ސިކުންގެ އިސް ލީޑަރެއް ކަމަށް ވާ ހަރްދީޕް މަރާލި މައްސަލައިގައި ކެނެޑާއާއި އިންޑިއާ ދެމެދު ހިނގާ އަރާރުމުގެ އާ މަރުހަލާއެއް ފެށިއްޖެއެވެ.

ކެނެޑާގެ ރައްޔިތުކަން އޮންނަ ހަރްދީޕް މަރާލީ ކެނެޑާގައި އޭނާ ދިރިއުޅޭ ބްރިޓިޝް ކޮޕަމްބިއާގެ ފައްޅިއެއްގެ ބޭރުގައި ވެހިކަލްގައި އިންދާ، މޫނު ނިވާކޮށްގެން ތިބި 2 މީހަކު ގޮސް ބަޑިޖަހައެވެ. އެކަން ކުރީ، އިންޑިއާ ސަރުކާރުގެ ބައިވެރިވުމާއެކު ކަމަށް ކެނެޑާއިން ބުނުމުން އިންޑިއާ ރުޅިގަދަވެ، އެގައުމުގައި ހުންނެވި ކެނެޑާގެ ޑިޕްލޮމޭޓަކުވެސް ވަނީ ބޭރުކޮށްލާފައެވެ. ކެނެޑާއިންވެސް އެގައުމުގައި ހުންނެވި އިންޑިއާގެ އިންޓެލިޖަންސްގެ ވެރިޔާ ބޭރުކޮށްލާފައި ވާ އިރު، އިންޑިއާއިން މިހާރު ވަނީ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލާފައެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން ގެންދާ އިރު، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަންނަ މަހު އިންޑިއާއަށް ކުރައްވަން އޮތް ދަތުރުވެސް ވަނީ ކެންސަލް ކޮށްފައެވެ.

ޓްރޯޑޯ ވިދާޅުވީ، ކެނެޑާގެ ރައްޔިތަކު ކެނެޑާގެ ފަސްގަނޑުގައި އިންޑިއާއިން ބައިވެރިވެގެން މަރާލުމަކީ، ކެނެޑާނެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި އެކަމުގައި އިންޑިއާއިން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރީ އިންޑިއާއިން ކަން ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ހުރި ކަމަށާއި، ހަރްދީޕް މަރާލި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމުގައި އެމެރިކާގެ އިންޓެލިޖަންސްގެ އެހީވެސް ހޯދާފައި ވާ ކަމަށެވެ. މި މައްސަލައިގައި އެމެރިކާއިން ބަސް ބުނުމަށް ކެނެޑާއިން ޕްރެޝާ ކުރަމުން ދިޔަ ނަމަވެސް، އެމެރިކާއިން އިންޑިއާ ކުށްވެރިއެއް ނުކުރެއެވެ. އަދި ބުނަމުން ދަނީ، ވަރަށް ގާތުން ބަލަމުން ދާ ކަމަށާއި ދެގައުމާ ވެސް ވާހަކަ ދައްކަމުން ދާ ކަމަށެވެ.

ކެނެޑާއަކީ އިންޑިއާގެ ސިކު ދަރިކޮޅުގެ 770،000 މީހުން ދިރިއުޅޭ ގައުމެކެވެ. އިންޑިއާ ފިޔަވައި ބޭރު ގައުމެއްގައި އެންމެ ގިނަ މީހުން ދިރިއުޅެނީ ކެނެޑާގައެވެ.

ކެނެޑާގެ ތުހުމަތުތައް ދޮގުކޮށް އިންޑިއާއިން ބުނެފައި ވަނީ، ކެނެޑާއިން މަސައްކަތް ކުރަނީ ޓެރަރިސްޓުންގެ ގޮތުގައި އިންޑިއާއިން ކަނޑައަޅާފައި ވާ ހާލިސްތާން ޖަމާއަތުގެ މީހުންނަށް ހިމާޔަތް ދިނުމަށް ކަމަށެވެ. އަދި އެތައް ފަހަރަކު އެ [ޓެރަރިސްޓުން' އިންޑިއާ އާ ހަވާލު ކުރުމަށް އެދިފައި ވާ ކަމަށާއި ނަމަވެސް ކެނެޑާއިން އެކަން ނުކޮށް، ހަރްދީޕުގެ މަރުގެ ތުހުމަތު އިންޑިއާގެ ބޮލުގައި އަޅުވަނީ އަސްލު ފޯކަސް އަނބުރާލައި ރުޅިވެރިކަން އުފެއްދުމަށް ކަމަށެވެ.

ސިކް ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު ގެ މަރުގެ މައްސަލައިގައި ކެނެޑާ، އޮސްޓްރޭލިއާ، އެމެރިކާގެ އިތުރުން ޔޫކޭގައި ބޮޑެތި މުޒާހަރާތައް ކޮށްފައި ވާ އިރު، އެގައުމުތަކުގައި ހުންނަ އިންޑިއާގެ މިޝަންތަކަށް ހާލިސްތާންގެ ބައިވެރިން ގެއްލުންދީފައިވެސް ވެއެވެ.

ޕަންޖާބުގައި ވަކިވެގަތުމަށް ހާލިސްތާން މޫވްވަންޓް ފެށުނީ 1980ގެ އަހަރުތަކުގައި ނަމަވެސް، އިންޑިއާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހުރެ އިންޑިއާގެ އެތެރޭގައި ސިކުންނަށް މާ ގިނަ ހަރަކާތްތައް ހިންގޭ ގޮތެއް ނުވެއެވެ. ނަމަވެސް ގައުމުން ބޭރުގައި ހަރަކާތްތެރިވާ ސިކުން ހަރަކާތްތެރި ދައުރެއް އަދާކުރަމުން ގެންދާ އިރު، އެމީހުން ބޭނުންވަނީ، އިންޑިއާ އާއި ޕާކިސްތާން ވަކިވެފައި އޮތް ގޮތަށް އިންޑިއާއިން ވަކިވެ ހާލިސާން އަކީ ވަކި ދައުލަތަކަށް ހަދާށެވެ.