އެެމެރިކާގެ ކެރޮލިނާގެ އުތުރުގެ ހިކޮރީގައި ބްރިޖެއްގެ މަތިން ސައިކަލުގައި ދިޔަ ޒުވާނަކު ވެއްޓި މަރުވި މައްސަލަގައި، އޭނާ ސައިކަލު ދުއްވީ ގޫގްޕް މެޕް ބަލައިގެން ކަމަށާއި، ވެއްޓުނީ ހަލާކުވެފައި އޮތް ބްރިޖް ގޫގްލް އިމް މެޕްގައި އަޕްޑޭޓްކޮށްފައި ނެތުމުން ކަމަށް ބުނެ ދައުވާ ކުރަން ނިންމައިފިއެވެ.

2022 ގެ ސެޕްޓެެމްބަރުގައި ހިނގި މިހާދިސާގައި ފިލިޕް ޕެކްސަން ކިޔާ ޒުވާނަކު ބްރިޖަށް އެރީ ގޫގްލް މެޕުން ޑައިރެކްޝަން [މަގު] ބަލައިގެން ކަމަށާއި، ބްރިޖް ހަލާކުވެފައި އޮތްކަން އޭނާ އަށް ނެނގޭ ކަމަށް ބުނެފައި ވެއެވެ.

ޕެކްސަން އެ ބްރިޖަށް އެރީ، އޭނާގެ އަންހެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަށް ރައްޓެއްސެއްގެ ގޭގައި އުޅުމަށް ފަހު އެނބުރު ގެއަށް އަންނަމުން، ގޮތް ނޭނގޭ [ކުރިން ގޮސް ނޫޅޭ] ސަރަހައްދަކުން ގޫގްލް މެޕް ޖައްސާ އެއިން ދެއްކި ޑައިރެކްޝަނާ އެއްގޮތަށް ދަތުރު ކުރަން ކަމަށް ބުނެފައި ވެއެވެ.

އޭނާ ބްރިޖަށް އެރީ އެކަންޏެވެ. އޭރު އޭނާގެ ދެ ދަރިންނާއި އަންހެނުން އެގެއިން ނުކުމެގެން ކާރެއްގައި ވަނީ ގޮސްފައެވެ.

އޭނާގެ ލޯޔަރުން ބުނީ، އެމެރިކާގައި ގޫގްލް މެޕް ބަލައިގެން ދަތުރު ކުރުމަކީ އާންމު ކަމަކަށް ވާއިރު، ހާއްސަކޮށް ނުދަންނަ ނުވަތަ ފަރިތަ ނޫން ސަރަހައްދުތަކުގައި ދުއްވުމަށް މެޕްގެ ބޭނުން ކުރާ ކަމަށެވެ. އެގޮތުން އޭނާވެސް މެޕްގެ ބޭނުން ކުރީ، ރައްކާތެރި ކަމާއެކު ގެއާ ހަމައަށް ދާން އޭނާއަށް މަގު ދައްކާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ކުޑަކޮށް އަނދިރި އަދި ވިއްސާރަ ރެއެއްގައި އެ ދަތުރު އޭނާ ކުރަމުން ގޮސް އެރި ބްރިޖަކީ، ހަލާކުވެފައި އޮންނަތާ އަހަރުތަކެއް ވެފައި ވާ ބްރިޖެއް، ނަމަވެސް ގޫގްޕް މެޕްގައި އެކަން އަޕްޑޭޓް ކޮށްފައެއް ނެތް"
ލޯޔަރުން

ލޯޔަރުން އިތުރަށް ބުނީ، ހަލާކުވެފައި ހުންނަ މަގުތަކުގައި އާންމުކޮށް އެކަން އަންގައިދޭ ނިޝާނެއް ނުވަތަ ބޯޑެއް ހުންނަ ކަމަށާއި، އެ މަގުގައި ބަހައްޓާފައި ހުރި ބޯޑު، ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު އޮތީ ހަލާލުވެ ނުވަތަ ހަލާކުކޮށްލާފައި ކަމަށާއި އޭނާ އެ ބްރިޖަށް އެރި ވަގުތު ފާހަގަވާނެ ގޮތަކަށް އެފަދަ ނިޝާނެއްވެސް ނެތް ކަމަށެވެ.

ގޫގްލް ގެ އިތުރުން، އެ ބްރިޖް ބަލަހައްޓައި މެއިންޓެނަންސް ކުރަންޖެހޭ އިތުރު 3 ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާ ކުރުމަށް އޭނާގެ އާއިލާއިން ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ގޫގްލް އިން ބުނީ، އެ ތުހުމަތުތައް ބަލަމުން ދާ ކަމަށެވެ.