ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާއީ ހިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާ މެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ފަތުރަމުންދާ ހަބަރުތައް އެ މިނިސްޓްރީން ދޮގު ކޮށްފިއެވެ.

ޖެންޑާ މީނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާއީ ހިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އުޖޫރައާ މެދު ޒާމާނުއްސުރެ އޮތް ކަންބޮނޑުވުމަށް ހައްލު ގެނައުމަށް އިޖްތިމާއީ ހިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުވަލާއި މި ސަރުކާރުން ވަނީ އެމީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައި ކަމަށެވެ. އެ ބަދަލާ އެކު، އިޖްތިމާއީ ހިދުމަތްތެރިންގެ ޕްރޮފެޝަނަލް މިންގަނޑުން ގިންތި ކުރެވޭ ފަންނީ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެ ކަނޑައެޅިގެން ދިޔަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިޖްތިމާއީ ހިދުމަތްތެރިންނަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އެމީހުންގެ މުސާރަ ގާތްގަނޑަކަށް 67 ޕަސެންޓް ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާ އާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ކަނޑައަޅާފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އެގޮތުން، އެ މިނިސްޓްރީގައި އިޖްތިމާއީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި އާ އޮނިގަނޑަށް ހިޖުރަކުރުމާއެކު މި ދާއިރާގައި މަސައްކަތް ކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައިސްފައިވާ ކަން ޖެންޑާ މިނިސްޓްރީން ފާހަގަ ކުރެއެވެ. އިޖްތިމާއީ ހިދުމަތްތެރިންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ސިވިލް ސާވިސް ކޮމިޝަންގެ ޖީއެސް ރޭންކް 4 ގައި މަސައްކަތް ކުރާ 33 މުވައްޒަފުން ވަނީ ޕަބްލިކް ސާވިސް ރޭންކް 5 އަށް ބަދަލުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މުސާރައަށް އައި ބަދަލު ފެންނަ ޓޭބަލް އެއް

ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މި ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ 10 މުވައްޒަފުންނަށް ޕްރޮފެޝަނަލް ސަނަދެއް ހާސިލްކުރުމާއެކު ވަޒީފާގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒް ކޮށް އާ އޮނިގަނޑަށް ފެތިގެންދާނެ ކަމަސް ވެސް ބުނެއެވެ.

އިޖްތިމާއީ ހިދުމަތް ފޯރުކޮށް ދިނުމަކީ އިޖްތިމާއީ ތަފާތު މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން ހިމެނޭ ފަންނީ ހިދުމަތެކެވެ. އިޖްތިމާއީ ހިދުމަތްތެރިންނަކީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދި އެކިބާވަތުގެ އާއިލީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމާއި، ރައްކާތެރިކުރުމުގައި އިސްދައުރެއް އަދާ ކުރާ ފަރާތްތަކެކެވެ.