ދާދި ފަހުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި ހަ ބުރިއަށް އިމާރާތް ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން މިއަދު ނެރުނު އުސޫލުގައި ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށާއި އެންމެ ގިނަވެގެން ހެދޭނީ ހަ ފަންގިފިލާ ކަމަށް ބުނެފައެވެ. އަދި އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ ދުވާރުން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމުގެ މަތީ ކައިރިއާ ހަމައަށް ކަމަށްވެސް ވެއެވެ.
މީގެ އިތުރުންވެސް ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެ ކަމަށާއި އިމާރަތުގެ އުސްމިން 15 މީޓަރަށް ވުރެ އުސްވާނަމަ ނުވަތަ ފަސް ފަންގިފިލާއަށް ވުރެ މައްޗަށް ނަގާނަމަ ލިފްޓު ހިމަނަން ވާނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.
މިގޮތަށް އުސޫލު ނެރެފައިވީ ނަމަވެސް ދާދި ފަހުން ވަނީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދީފައެވެ. މީގެ ކުރިން ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތްތައް އެންމެ މައްޗަށް އުފުލުމުގެ ހުއްދަ އޮތީ 7 ބުރިއަށެވެ. ނަމަވެސް އުސޫލު ބަދަލުކޮށް 31 މީޓަރަށް ރެޒިޑެންޝަލް އިމާރާތްތައްވެސް ނެގޭނެ ކަމަށް އާބަންކޯއިން ބުނެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
އަދި މަދުވެގެން 2 ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ ކަމަށާއި ކޮންމެ 1 ކޮޓަރީގެ އެޕާޓްމަންޓަކަށް 1 ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ ކަމަށް އޭރު އާބަންކޯއިން ކަނޑައެޅި އުސޫލުގައި ވެއެވެ.