ޕެކޭޖް ޑެލިވަރީ އަދި އެކްސްޕްރެސް މެއިލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ޑީޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސްޖުތަކެއް ފޮނު ވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މެސެޖްތައް ފޮނުވަމުންދަނީ ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި ކަމަށެވެ. އަދި މި މެސެޖުތައް ފޮނުވަމުންދަނީ ޓީއެމްއޭގެ ނަމުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެފަދަ މެސެޖްގައި ހިމެނޭ އެއްވެސް ލިންކަކަށް ނުވަނުމަށާއި އަދި ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އެކި އެކި ނަންނަމުގައި ސްކޭމްތައް ހިންގުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ކުރެވިއްޖެނަމަ އެކައުންޓްގައި ހުންނަ ފައިސާ ވެރިފަރާތަށް ނޭނގި ބޭނުން ކުރެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް އާބަންކޯގެ ނަމުގައި ފޯނުކޯލު މެދުވެރިކޮށް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 އަށްވުރެ ގިނަ އަދަދެއްގެ ރުފިޔާގެ މުއާމަލާތް ވަނީ ކޮށްފައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.