އުންމީދުކުރައްވަނީ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖެހުން ދިއުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ނިންމާލައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ޔާމީން މިހާރު މިހާރަށް ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
މިއަދު އިދިކޮޅުގެ ލީޑާޝިޕުން ހައިކޯޓަށް ވަޑައިގެންފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އަދިވެސް ތާވަލްކޮށްފައި ނުވާ ކަމަށެވެ. އަދި މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި ރައީސް ޔަމީންގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނުނިންމާ ހަތް މަސް ދުވަސްވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވަނީ ފާޑުވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ މިއީ އިންސާފުވެރިކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގަބޫލުފުޅު ކުރެވޭ ނަމަ ހިތާމައިގެ ކޮޅެއް ނެތް ކަމަށެވެ.
ޝިޔާމްގެ ވާހަކަ ނިންމާލުމާއެކު ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި އުންމީދު ކުރަނީ އެކަން އަދިވެސް ހަމަ ޖެހިގެންދާނެ ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ރައީސް ޔާމީނަށް ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭ ގޮތުން ދެން ކުރެވެން ހުރި މަސައްކަތްތަކެއް ވެސް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއވެެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގައި ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރައްވަން ރައީސް ނަޝީދު ޖަލަށް ވަޑައިގަތުމަށް ނިންމަވާ އެކަމަށް އެދިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ރައީސް ޔާމީން ވަނީ ދެކޮޅު ހައްދަވާފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.