އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރު މަރުވެގެން ލައްގާ މަސްތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިލްތިމާސް ކޮށްފިއެވެ.
އެ އިންސްޓިޓިއުޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތުރުގެ ރަށްތަކުން ގިނަ އަދަދެއްގެ މަސް މަރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި އެ މަސްތައް މަރުވާން މެދުވެރާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ކުރަމުންދާ ކަމަށާއި މަރުވެގެން ލައްގާ މަސްތަކާ ކައިރި ނުވުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.
މަރުވެފައިވާ މަސްތައް ކެއުމަށް ބޭނުން ނުކުރުމަށާއި އެ މަސްތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މަސްތައް ނައްތާލުމަށް އެންމެ ރަނގަޅު ގޮތަކީ އިންސިނިރޭޓަރު ބޭނުންކުރުން ނުވަތަ ރަށުގައި މީހުން ދިރިނޫޅޭ ހިސާބެއްގައި ވަޅުލުން ކަަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އަދި އެ މަސްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައިވެސް އަންގި އާއި މާސްކް ބޭނުން ކުރުމަށާއި އެ މަސައްކަތް ނިންމުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް އިސްކަންދިނުމަށް ބަޔާނުގައި ވެއެވެ.
މިފަދަ ހާދިސާތައް 2007 އާއި 2008 އަދި 2012 ގައި ވެސް ހިނގާފައިވާ ކަން ފާހަގަކޮށް އެ އިންޓިޓިއުޓުން ބުނެފައިވަނީ އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސީދާ ސަބަބު މިހާތނަަށް ދެނެގަނެވިފައި ނުވި ނަމަވެސް، އާންމުކޮށް އެފަދަ ހާދިސާތައް ހިނގަނީ ކަނޑުގެ ލޮނުގަނޑު މާ ބޮޑަށް ހޫނުވުމާއި، އޮއިވަރު މަޑުވުމުގެ ސަބަބުން ލޮނުގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު އާދަޔާ ހިލާފަށް ދަށްވުމުގެ އިތުރުން ބެކްޓީރިއާ އާއި ވައިރަސް އިންފެކްޝަންތަކުގެ ސަބަބުން މަސްތަކަށް ބަލި ޖެހުން ފަދަ ކަންކަމުންނެވެ.
އަދި ހަމައެހެންމެ މީގެ ކުރިން ހިނގާފައި ހުރި ހާދިސާތަކުގައި މަރުވެފައި ވަނީ ވާލަން ރޮނޑު ކަމަށާއި އެ މަހަކީ އެން ނުވަތަ ޕްލެންކްޓަން ކެއުމަށް ފަރުތަކުގެ ބޭރަށްވާ ގޮތަށް އޮންނަ ގުންޑޮޅިގަނޑުގައި، އޮއިވަރު ބާރު ހިސާބުގައި ގިނަ އަދަދަށް އުޅޭ މަހެކެވެ. އެގޮތުން މި ދުވަސްވަރަކީ އޮއި މަޑު ދުވަސްވަރެއް ކަމުން، ހާއްސަކޮށް ދިޔަވަރު ހިކޭ ވަގުތުތަކުގައި ބެދިފައިވާ ފަރުތަކުގައި އުޅޭ ދިރޭ ތަކެއްޗަށް އޮކްސިޖަން ނުލިބި އެ މަސްތަކަށް ބޭނުންވާ ކާނާ ނުލިބި މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
ނ، ރ، ބ އަދި ޅ އަތޮޅުގެ ގިނަ ރަށްތަކުގައި މަސްމަރުވުމުގެ މައްސަލަ ދިމާވެފައި ވާއިރު ބައެއް ރަށްރަށުގެ ވަށައިގެންވާ ފަޅު ވަނީ ކުނިވެފައެވެ. އަދި ގޮނޑު ދޮށުގައި އެހާ ގިނަ މަސް މަރުވެ ލައްގަމުންދާތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.