މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކޮށްދެއްވި ހަސަން ޝަކީލް ނިޔާވުމަކީ މެރިން ރިސާޗްގެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޝަކީލް ނިޔާވުމާ ގުޅިގެން ތައުޒިޔާ ދަންނަވާފައެވެ.

"މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ގައުމަށް ލިބުނު ފޫނު ބެއްދޭނެ އުނިކަމެއް ކަމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށެވެ. އަދި އަވަހާރަވިއިރު ހުންނެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ގައުމީ ހިދުމަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ޝަކީލްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ވަނީ ދުވާ ކުރައްވާފައެވެ.