ނިޒާމީ ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްކުރުން މިހާރު ފަށާފައި ވާއިރު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަސްތުކުރައްވަނީ މިއަދު އެ މަސައްކަތް ނިންމަވަން ކަމަށެވެ.
އެ ގަރާރުގެ ބަހުސް ނިންމުމަށްފަހު މުޅި މަޖިލިހުގެ ކޮމިޓީއަކަށް ގެންދިޔުއުމަށާއި އެ ކޮމިޓީން ވެސް މަސައްކަތް ނިންމުމަށްފަހު އަލުން އަނބުރާ ތަޅުމަށް ގެނައުމުން އިތުރުން ވޯޓަށް އަހައި އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް މަސައްކަތް ކުރިއަށް ގެންދަން ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެން ޖަލްސާ ނިންމަން ގަސްތު ނުކުރައްވާ ކަމަށާއި އެއީ ޖަލްސާ ފެށުމަށްޓަކައި ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.
އިއްޔެ ތާވަލް ކުރި މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުން ނުބާއްވަން ނިންމިއިރު މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަަބުން ފަސްކުރުމަށް ފަހު އެ ޖަލްސާވެސް ފެށުނީ 10 ޖެހިފަހުންނެވެ. ޖަލްސާ ފަށާފައިވަނީ ކޯރަމް ހަމަވުމަށް ބޭނުންވާ ބަރާބަރު އަދަދު ކަމަށްވާ 22 މެންބަރުންނާއެކުގައެވެ.