މިއަދުވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ ޖަލްސާ ނުފެށިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިއްޔެ ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުރު ވަގުތު މަޑުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދުވެސް މަޑުކޮށްގެން އިންނަވަނީ މެންބަރުން މަޖިލީހަށް ވަޑައިގަންނަވަންދެން ކަމަށާއި މި ވަގުތު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 17 މެންބަރުން ކަމަށެވެ. މިއަދުގެ ޖަލްސާއަށް ހާޒިރު ވެވަޑައިގަތީ އެންމެ 17 މެންބަރުން ކަމަށްއިރު ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ޖަލްސާގައި ބައިވެރި ވެވަޑައިގަންނަވާ ނަމައެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކުޑަ ދޮށުގައި މެންބަރުން އެބަ ތިއްބެވި ކަމަށެވެ. މެންބަރުން މަޖިލީހުގެ އެތެރެއަށް ވަދެވަޑައިގަތުމަށާއި ގޮނޑިތަކުގައި އިށީންނެވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.
އިއްޔެގެ މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވާއިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތަކުގެ ދޮށުގައެވެ. އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންފައި ނުވަނީ އިއްޔެ އެޖެންޑާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރު ހިމަނާފައި ވުމުންނެވެ. އަދި އެ ގަރާރު މިއަދުވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ހާޒިރުނުވާ 14 މެންބަރުންގެ ނަން ވެސް އިއުލާން ކުރައްވާފައެވެ.
އިއްޔެ 9 ޖަހާއިރު ފެށުމަށް ތާވަލްކުރި ޖަލްސާ ފެށުމަށް 9:30 ގެ ފަހުންވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި 11 ޖެހިއިރާއި 12 ޖެހިއިރު އަދި 1 ޖެހިއިރުވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވެއެވެ. އެއާއެކު އިއްޔެގެ ޖަލްސާ ނުބާއްވަން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.
ބޮޑު މުސާރަ ނަގާގެން ވަރަށް ޗާލު ..