ގެއްލިގެން ހޯދަމުންދާ މީހެެއްކަމަށް ވާ އަލީ ރިޝާން އޭނާގެ އާއިލާއަށް ހަބަރު ވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ހަވީރު ބުނެފައި ވަނީ، މާލޭގައި ދިރިއުޅެމުންދާ އުމުރުން 21 އަހަރުގެ އއ. މާޅޮސް ހުސްނޫވިލާ، އަލީ ރިޝާން އޭނާގެ އާއިލާ އަށް ގުޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމށެވެ. އަދި އަލީ ރިޝާންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ރިޝާން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު ފުލުހުން ވަނީ ރިޝާން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ރިޝާން އަކީ މާލޭގައި ދިރިއުޅޭ ޒުވާނެކެވެ. އަދި ގެއްލިގެން އެ އާއިލާއިން ރިޕޯޓް ކުރި އިރު، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިންކަމަށް އެ އާއިލާއިން ބުނެފައި ވެއެވެ.