ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ލަސްވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުރު ވަގުތު މަޑުކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ކުޑައިރުކޮޅެއް މަޑުކޮށް ބަލަމުން ގެންދަވަނީ ޖަލްސާ ފެށުމަށް އިތުރު ދެ މެންބަރުން އަދި ބޭނުންވާތީ ކަމަށާއި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި ތިއްބެވި ކަމަށެވެ. އަދި އެ ބޭފުޅުން އެތެރެއަށް ވަދެވަޑައި ނުގަންނަވާ ސަބަބެއް އެމަނިކުފާނަށާއި މަޖިލީހުގެ އަމީންއާމަކަށްވެސް އޮޅުން ފިލާފައި ވަޑައިގެންފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތަޅުމަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ހުރިހާ މެންބަރުންވެސް ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ކުޑައިރުކޮޅަކު މަޑުކޮށް ބަލަމުން މި ގެންދަނީ އަދި ދެ މެންބަރުން އެބަ ބޭނުންވޭ. އެމްޑީޕީގެ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި އެބަ ތިއްބެވި. އެ ބޭފުޅުން އެތެރެއަށް ވަދެވަޑައި ނުގަންނަވާ ސަބަބެއް އަޅުގަނޑަކަށްވެސް އަދި އަމީންއާމަކަށްވެސް އޮޅުން ފިލާފައެއް ނުވޭ. އަޅުގަނޑު އަނެއްކާވެސް އިއްޒަތްތެރި މެންބަރުންގެ ކިބައިން އެދެން މަޖިލީހުގެ ތަޅުމަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ހުރިހާ އިއްޒަތްތެރި މެންބަރުންވެސް ބައިވެރިވެވަޑައިގަތުމަށް."
ރައީސް ނަޝީދު

މިއަދުގެ ޖަލްސާއަށް ހާޒިރު ވެވަޑައިގަތީ އެންމެ 20 މެންބަރުންނެވެ. 87 މެންބަރުން ތިބޭ ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ޖަލްސާގައި ބައިވެރި ވެވަޑައިގަންނަވާ ނަމައެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލްކޮށްފައެވެ.