މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ތެރެއިން އެ މެންބަރަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދު ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ވިދާޅުވީ އިއްޔެ މެންދުރުފަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮން ކެނޑިޑޭޓަކަށް ކަން ކަނޑައެޅުމަށް ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމާމެދު ގޮތް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން ގާސިމްއަށް ދީފައިވާ ކަމަށެެވެ.

އެގޮތުން ވޭތުވެ ދިޔަ ތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތިން ވެސް ލިބުނު ހިތި ނަތީއްޖާއަށް ބެއްލެވުމަށް ފަހު، ނިންމަވާފައި ވަނީ މި އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް ފެންނާތީ، ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވޯޓު ދިނުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމުގައި ދެކޭ ކަމަށާއި އެ މެންބަރަކު ބޭނުން ކެންޑިޑޭޓަކަށް ވޯޓު ދެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީން ވާދަ ކުރެއްވި ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ، 5460 ވޯޓެވެ. 22،607 މެންބަރުން ތިބި ޕާޓީއަށް އެހާ ދަށުން ވޯޓު ލިބުމުން ފާޑުކިޔުންތައް އަމާޒު ވި ނަމަވެސް، ދެވަނަ ބުރުގައި ގާސިމް އާ އެކު ކޯލިޝަން ހެދުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުންވެސް ވަނީ ގާސިމްއަށް ހުށަހަޅުއްވާފައެވެ.