އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވައިފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ސޯލިހް މިއަދު ވަޑައިގެންފައި ވަނީ މައްޗަށްގޯޅި އުތުރުގެ ގެތަކަށެވެ. މަގުމަތިން ގިނަ ބަޔަކާ ސަލާމް ކުރައްވާ ހެއްދެވުމަށް ފަހު އެ ސަރަހައްދުގެ ބައެއް ގޭގެއަށް ވަޑައިގެން އެކިއެކި މީހުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާ ހައްދަވާފައި ވެއެވެ.

ބައެއް ގޭގޭގެ ޓެރަސް އަށް އަރާވަޑައިިގެން ވަކިވަކިން ބައްދަލުކުރަން ބޭނުންވި ބައެއް މީހުންނަށް ރައީސް ވަގުތު ދެއްވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ކެމްޕެއިން އިވެންޓުގައި ރައީސް، އާންމުންގެ މީހަކަށް ވަގުތުކޮޅެއް ދެއްވަނީ

ރައީސް ސޯލިހް މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގެވި އިރު، އެމަނިކުފާނަށް ހުރަސް އަޅާ، ހޯބޯ ލަވާ މީހުން ނެތް ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހަވީރު ހުޅުމާލެ ފޭސް 2 އަަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ސަޕޯޓަރުން ވަނީ އިހުތިޖާޖު ކޮށް އެކަމަނާ އަށް ހުރަސް އަޅާފައެވެ. އަދި ބައެއް މީހުން ހަޑިހުތުރު ބަހުރުވަ ބޭނުން ކޮށްފައި ވާ އިރު، ނުކިޔަމަންތެރި ވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރުވެސް ފެނިފައި ވެއެވެ.

މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީށް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓާއެކު 2 ވަނަ އެވެ. ފުރަތަމަ ބުރުގައި ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވަމުން ގެންދެވި އަދަދާ ގާތަށް ވެސް ވޯޓު ލިބިވަޑައިގެންފައި ނުވާ އިރު، މާލެ ސަރަހައްދުން ގިނަ ބަޔަކު އެބުރުގައި ވޯޓު ނުލާ ތިބިކަންވެސް ފާހަގަ ކުރެވެއެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން 19 ހާހަށް ވުރެ ގިނަ މީހުނަށް ގޯތި ކަނޑާ އިންވަކިކޮށް ދޭން ފަށާފައި ވާއިރު މާލެ ސަރަހައްދުގެ މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އުއްމީދު ކުރެއްވިއެވެ. ނަމަވެސް މާލެ ސަރަހައްދުގެ މެޖޯރިޓީވެސް ނަންގަވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދު ކުރިއަށް ގެންދިޔަ ކެމްޕެއިން އިވެންޓުގައި ރައީސް، އާންމުންގެ މީހަކަށް ވަގުތުކޮޅެއް ދެއްވަނީ

ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވާ ހޮނިހިރު ދުވަހަށް ތާވަލް ކޮށްފައި ވާ އިރު، ރައީސް މާލެ ސަރަހައްދުގައި މިހާރު ދޮރުން ދޮރަށް ހިންގެވި ނަމަވެސް ފުރަތަމަ ބުރުގައި މާލެ ސަރަހައްދުގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ކެމްޕެއިން ކުރައްވާފައެއް ނުވެއެވެ.

ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް 25،000 ވޯޓު ރައީސް ހޯއްދަވަން ޖެހިވަޑައިގަންނަވާ އިރު، ފުރަތަމަ ބުރުގައި އިންތިހާބުގައި ވާދަ ކޮށް ބަލިވެފައި ވާ ޕާޓީތަކުގެ ސަޕޯޓް ހޯއްދަވަން ވެސް ރައީސް މަސައްކަތްޕުޅު ކުރައްވާފައި ވެއެވެ. އެގޮތުން އެމްއެންޕީ އާއި ޖޭޕީގެ ސަޕޯޓް ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބު ވެފައި ވާ އިރު އެމްއެންޕީން އެރީ ޑރ. މުއިއްޒުގެ ފަޅިއަށެވެ. ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. 3 ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އާ ވެސް އެމްޑީޕީން ވާހަކަ ދައްކަމުން ދާއިރު، ޑިމޮކްރެޓްސް އަށް އަރާނެ ކޮޅެއް އަދި ނުނިންމެއެވެ.

އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫނާވެސް އެމްޑީޕީން ވާހަކަ ދައްކާފައި ވާ އިރު، އަރުއްވާނެ ކޮޅެއް ފާރިސް އަކަށް ވެސް އަދި ނުނިންމެވެއެވެ.