ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން 25 ހާހަށް ވުރެ ގިނަ މީހުން ރީރަޖިސްޓާ ވާން ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހަބުގެ 2 ވަނަ ބުރުގައި ވޯޓުލުމަށް ރީރަޖިސްޓާ ވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 2 ދުވަސް ތެރޭގައި 25،493 މީހަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

އެއާއެކު ސުވާލު އުފައްދަވާ މުއިއްޒު ވިދާޅުވީ، 2 ދުވަސް ތެރޭގައި 25 ހާސް މީހުން ރީރަޖިސްޓްރީ ވާން ހުށަހެޅުމަކީ 'ވަރަށް ބޮޑަށް ސުވާލު އުފެދޭ' ކަމެއް ކަމަށާއި، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން، ސިޔާސީ ޕާޓީތަކުންވެސް ބަލަން ޖެހޭ ކަމަށެވެ.

އެގެ އިތުރުން އޭނާ ވަނީ، އިންތިހާބާ ގުޅޭ ކަންކަން ބަލަމުން ދާ އިންޓަނޭޝަނަލް މޮނިޓަރުންވެސް އެކަން ބަލައި ދިނުމަށް ގޮވާލައްވާފައެވެ. އަދި އޮބްޒާވަރުންނާއި، އިންތިހާބާ ގުޅުން ހުރި ކަންކަން ބަލައި އެހެން ފަރާތްތަކުން ވެސް އެކަން ބަލައިދޭން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާ އިރު، ރީރަޖިސްޓްރޭޝަނަށް ދިން ވަގުތު މިއަދުގެ ހަވީރު 4 އަށް ހަމަވާނެއެވެ.

ރީރަޖިސްޓްރޭޝަނަށް ހުށަހެޅި މީހުންގެ އަދަދުތައް ހާމަ ކުރައްވަމުން އިލެންޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ދުވަހު 9،206 މީހުން ފޯމު ހުށަހެޅި ކަމަށާއި ދެވަނަ ދުވަހު 16،287 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7،267 މީހަކު ހުށަހެޅިއިރު ދެވަނަ ދުވަހު 11،082 އޮންލައިންކޮށް ހުށަހަޅި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިހާތަނަށް 10،271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި ދެވަނަބުރުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ މިހާތަނަށް 1،546 ފޯމު ރިޖެކްޓް [ބާތިލް] ކުރެވިފައި ވާ ކަމަށެވެ. ރިޖެކްޓް ވި ފޯމްތަކުގެ ތެރޭގައި ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ހިމެނެއެވެ.

ހަބީބް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރެވުނު ކަމުގެ މެސެޖް އެމީހަކަށް ލިބޭނެ ކަމަށެވެ.

މިއަދު ހަވީރު 4 ޖެހުމަށް ފަހު ރީ-ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް ދޭން އަދި ނިންމާފައި ނުވާއިރު އެމީހަކު ވޯޓުލާން ރަޖިސްޓަރީ ވެފައި ވަނީ ކޮންތަކަށްތޯ މިހާރުން މިހާރަށްވެސް ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ރީ-ރަޖިސްޓާ ކުރަން ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާ ވެރިފައި ކުރުމަށެވެ. އެ ޕްރޮސެސްގައި މީހަކު ހުށަހެޅި ފޯމަކީ ސައްހަނޫން ފޯމެއް ކަން ދެނެގަނެވިއްޖެ ނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވު ކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް ވެސް ފުރުސަތު ހުޅުވާލައިފައި ވާއިރު ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދުގެ މެންދުރުފަހު 3 އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރިމަތިލި ކެންޑިޑޭޓުންނަށް ވޯޓު ލިބިފައި ވާ ގޮތާއި ތަފާސްހިސާބުތައް --- އިލެކްޝަންސް

ދެވަނަ ބުރުގައި ވޯޓުލާން ރީރަޖިސްޓްރޭޝަނަށް އެހާ ގިނަ ބަޔަކު ހުށަހެޅުމުން މުއިއްޒު ސުވާލު އުފައްދަވާފައި ވާއިރު، އިންތިހާބުގެ ފުރަތަމަ ބުރުން 15،474 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރައްވާ މިހާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. 46.06 ޕަސެންޓާއެކު މުއިއްޒު 101،635 ވޯޓު ހޯއްދަވާފައި ވާ އިރު، ފުރަތަމަ ބުރުގައި ވޯޓުލާން ނިކުމެފައި ވަނީ ވޯޓު ލުމުގެ ހައްގު ލިބުނު 282،395 މީހުންގެ ތެރެއިން 79.85 ޕަސެންޓް މީހުންނެވެ. 20.15 ޕަސެންޓް މީހުން ވޯޓު ލާފައި ނުވާ އިރު، އެއީ 56،909 މީހުންނެވެ.