ރިޔާސީ އިންތިހާބުގެ ނިމިދިޔަ ފުރަތަމަ ބުރުގައި ވޯޓު ނުލެއްވުނު ނަމަވެސް ދެވަނަ ބުރުގައި ރައީސް އަބްުދﷲ ޔާމީން ވޯޓު ލައްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެއްވުމުގެ ފުރުސަތު ފަހުވާނެ ކަމަށް ޔާމީން އުއްމީދު ކުރެއްވި ކަމަށާއި އެކަން ވެފައި ނުވި ނަމަވެސް ދެވަނަ ބުރުގައި ވޯޓު ލެއްވުމުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައި ވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލައްވަން ޔާމީން ރަޖިސްޓްރީއެއް ނުކުރައްވައެވެ.

ނަމަވެސް ދެވަނަ ބުރުގައި ވޯޓު ލައްވަން އިންތިޒާމުތައް ހަމަޖެއްސެވި އިރު، ވޯޓުލައްވަން ހަމަޖެހިފައި ވާ ފޮއްޓަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، މުއިއްޒަކީ، ޕީޕީއެންގެ ހިޔަނި ޕާޓީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ޔާމީން ހުންނެވުމާއެކު، ރިޔާސީ އިންތިހާބުގައި ވާދަލުކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލުމުން، އިދިކޮޅު ކޯލިޝަން ތަމްސިލުކުރައްވަން މުއިއްޒު ޓިކެޓް ހޯއްދެވީ އެތެރޭގެ އިންތިހާބެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާ ވާދަ ކުރައްވާ 2 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތަށް ސްޕްރީމް ކޯޓުން ނިންމި އިރު، ޔާމީން އޮތީ ރަނިން މޭޓަކަށް ޖަމީލް ހަމަޖައްސަވައި އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައެވެ.

ނަމަވެސް ފުރުސަތު ގެއްލުމުން މުއިއްޒަށް ޓިކެޓް ލިބިވަޑައިގަތީ، އިދިކޮޅު ކޯލިޝަންގެ ތެރޭގައި އުފަން ކުރި ޕްލޭން އޭ ފެއިލްވެ ދެން ގެނައި ޕްލޭން ބީ ވެސް ފެއިލްވި ހާލަތުގައި ޕްލޭން ސީ ގެ ގޮތުގައެވެ.

ޕްލޭން ބީ އަކަށް ރާވާފައި އޮތީ، ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓަކާއި ރަނިން މޭޓެއް ނެރުމަށެވެ. ނަމަވެސް އެކަން ކުރިއަށް ދާގޮތް ނުވީ، ޔާމީނަށް ކުރިމަތި ނުލެއްވުނު ހާލަތުގައި އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން އެންގެވުމުން 2 ޕާޓީގެ ޖޮއިންޓް ކައުންސިލްގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ ޕްލޭން ސީ އާ އެކު ކުރިއަށް ދިޔުމަށް ޔާމީން އެންގެވުމުންނެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން މުއިއްޒު 1 ވަނަ ހޯއްދަވާފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.

އިންތިހާބުގެ 2 ވަނަ ބުރު، މިމަހުގެ 30 އަށް ތާވަލު ކޮށްފައި ވާ އިރު، މުއިއްޒާއި، ސޯލިހާ ދެމެދުގެ ފަރަގު 15،000 އަށް ވުރެ ބޮޑެވެ. އެހެން ކަމުން ދެވަނަ ބުރުގައި ވެރިކަން ލިބިވަޑައިގަތުމާ އެންމެ ކައިރީ ޑރ. މުއިއްޒަށެވެ.