ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރައްވަން ޑިމޮކްރަޓްސްގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިއަދު ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ "ދޮން މަނިކު ސްކައި ވިއު" ގައި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ހުއްޓިގެން މި [ޑިމޮކްރެޓުސް] ތިބީ ފަސޭހަ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި ނޫން ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އަނެއް ހާލަތަށް ބަދަލުވާ ދަނޑިވަޅުތަކެއް އަންނާނެ ކަމަށް އަބަދުވެސް އެމަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބޭތީ ކޮންމެ ފަހަރަކު އިއްތިހާދެއް އުފައްދަން ސިޔާސީ ޕާޓީތަކަށް މަޖުބޫރުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިއްތިހާދަކީ ގާނޫނުއަސާސީއާ ބީރައްޓެހި އަދި ގާނޫނު ދަންނަ އެއްޗެއް ނޫން ކަމަށާއި އެ އިއްތިހާދު ރޫޅުނަސް އަމަލު ކުރާނެ ގޮތެއް، އެއްވެސް ތަނެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަ އިރުގައި ކުރީގެ ރައީސް ޔާމީން އާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އަމީންއާއްމު އަރިހުގައި ދަންނަވާފަ ވާނެ މާދަމާ އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތަކާއި އަޅުގަނޑުމެންނަށް އެހީތެރިވެވެން އޮތް ނަމަ އެ ވާހަކަ."
ރައީސް ނަޝީދު

އަދި މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ދެވަނަ ބުރު ކާމިޔާބު ކުރައްވަން މަސައްކަތްޕުޅު ކުރެއްވުމުގެ ބަދަލުގައި ނިޒާމް ބަދަލު ކުރުމުގެ މަގަށް އަމަލު ކުރެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

"ރައީސް ސޯލިހު މިވަގުތު ދެން މޮޅު ނުވެވޭނެ ކަން ގަބޫލު ކުރެއްވުން އެއީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ކަމެއް. އަނބުރަން ޖެހޭ ވޯޓުގެ އަދަދު ވަރަށް ގިނަ. ފަރަގު ވަރަށް ބޮޑު،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، އެމްޑީޕީއާ އެކު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށާއި، އެ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް ވަގުތެއް [ޑެޑްލައިނެއް] ކަނޑައެޅުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކަމުގައި ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވެ ގޮތް ނިންމާނެ ކަމަށް ވެސް ނަޝީދު އިޝާރާތް ކުރެއްވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ނިޒާމު ބަދަލު ކުރުމުގައި ނަޝީދު، ޔާމީންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ އިރު ބަރުލަމާނީ ނިޒާމަކަށް ދިއުމަށް 2007 ވަނަ އަހަރު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އޭރު ނަޝީދުއާއި އެމްޑީޕީން ވެސް ތާއީދު ކުރަމުން ދިޔައީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ޔާމީންވެސް އޭރު ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާއި ޕީޕީއެމްއަށް ވެސް ޑިމޮކްރަޓްސް އިން ހުށަހެޅި ހުށަހެޅުމަކީ ނިޒާމު ބަދަލު ކުރުމަށެވެ. ނަމަވެސް މި އެދުމަށް އެއްވެސް ޕާޓީއަކުން އާނބަސް ބުނެފައި ނުވާއިރު ރައީސް ނަޝީދު އަދިވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ނިޒާމު ބަދަލު ކުރެއްވުމަށެވެ. ރައީސް ސޯލިހުއާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތު ވުމަކީވެސް ބަރުލަމާނީ ނިޒާމުގެ މައްސަލައެވެ. އަބަދުވެސް ބޮޑުވަޒީރުކަން ބޭނުންފުޅުވެ ވަޑައިގެން އެވާހަކަ ދައްކަވާ ނަޝީދު ހުންނެވީ ނިޒާމު ބަދަލުކުރަން އެއްބެސް ބަޔަކު އެއްބަސް ނުވާނަމަ 2 ވަނަ ބުރުގައި އެބަޔަކާއެކު ކުރިއަށް ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.