މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ރީ-ރަޖިސްޓާ ވުމަށް 9،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަން ހުޅުވާލައިފައި ވާއިރު އިއްޔެ 9،000 އަށް ވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 7،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ރީ-ރަޖިސްޓާ ކުރުމަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅާން އީސީއިން ނިންމާފައިވާ ކަމަށް އީސީއިން ވެސް އީސީއިން ބުނެއެވެ.

މީގެ އިތުރުން، އީސީއިން ވަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެދިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވު ކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާއިރު ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރުފަހު 3:00އެވެ.