މާދަމާ އިން ފެށިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރަން ނިންމައިފިއެވެ.
އެ ކުންފުނިން މިހާރު މަސް ގަންނަމުން އަންނަނީ ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ.
މިފްކޯއިން ބުނީ، ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރު ވެފައި ވާތީ އެ ކުންފުނިން މަސް ގަންނަ އަގު ބޮޑު ކުރީ ކަމަށެވެ. މަސް ގަންނަ އަގު ބޮޑުކުރަން ނިންމީ ގިނަ މަސްވެރިންތަކެއްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މަހުގެ އަގު 25 ރުފިޔާއަށް ބޮޑު ކުރަން ނިންމާފައިވާ އިރު، މިހާރު އެ ކުންފުނިން މަސް ގަންނަމުން އަންނަނީ 17 ރުފިޔާގެ މަގުންނެވެ.
މަހުގެ އަގު ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިންގައި ވަނީ އަންނަ އަހަރު ތެރޭގައި މަސްވެރިކަމަށް ގެންނަ ބަދަލާއެކު މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި 10،000 ޓަނަށްވުރެ ގިނައިން މަސް ރައްކާކުރެވޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށާއި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އެ ކުންފުނީގެ ހިއްސާ ވިއްކަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް އެމްޑީޕީން ހުށަހަޅާ ކަންކަމުގެ ތެރޭގައި ސްކޫލު ދައުރުން ފެށިގެން މަސްވެރިކަމަށް ކުދިން އަހުލުވެރި ކުރަން ފެށުމާއި މަސްވެރިންނަށް ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފު ކުރުން ހިމެނެއެވެ. ހަމައެއާއެކު މަސްވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށާއި މަސް ދޯނި ފަހަރު ތަރައްގީ ކުރުމަށް ފަސޭހައިން ފައިސާ ހަމަޖެހޭނެ ގޮތްތައް ތައާރަފު ކުރަން ވެސް ރައީށް ސޯލީހްގެ މެނިފެސްޓީގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ލިބޭ އާމްދަނީގެ ޕަސެންޓެއް މަސްވެރިކަން މާކެޓް ކުރުމަށްޓަކައި ބޭނުންކުރުމާއި، މަސްވެރިކަން "އެޑްވެންޗާ ސްޕޯޓް" އެއްގެ ގޮތުގައި ޕްރޮމޯޓްކުރުމާއި، ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފް ކުރުމަށް ވެސް ވަނީ ހިމަނާފައެވެ. އަދި މެރިކަލްޗާ އަދި އެކުއަކަލްޗާއަށް ޕްރައިވެޓް ސެކްޓާ އިންވެސްޓް ކުރުމުގެ އާ ފުރުސަތުތައް ހުޅުވައިދިނުން ވެސް ހިމެނެއެވެ.
ވޯޓާ ދިމާކޮށް ކޮންމެ މަސް ކިލޯއަކަށް 8 ރުފިޔާގެ ރިސްވަތެއް ދޭން ތި ފަށަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. މީ ފަހުން ސަރިޔަތަށް ހުށަހަޅާން ޖޭހޭ ޖަރީމާއެއް.