ނ. މާފަރުން ބަންޑާރަ ގޯތި ހޯދުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކޮށްފިއެވެ.

މާފަރު ކައުންސިލުން ކުރި އިއުލާނުގައި ވަނީ ވަގުތީ ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 26، 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މާފަރު ކައުންސިލްގެ ރިސެޕްޝަނަށް ނުވަތަ މެއިލްކޮށްގެން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ކައުންސިލުން އާންމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 176 މީހުން ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 92 މީހުންނަށް ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފރަުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދީފައިވާ ލޭންޑް ޔޫސް ޕުލޭން ގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ.

1200 މީހުންގެ އާބާދީއެއް އޮންނަ މާފަރުން ބިން ދޫކުރުމަށް އިއުލާން ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.