ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް އިން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫންގެ ޓީމާ މިއަދު ބައްދަލު ކޮށްފިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައި ނުވުމާއެކު އިންތިހާބުގެ ދެވަނަ ބުރަކަށް މިވަނީ ދާން ޖެހިފައެވެ. އެގޮތުން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެންމެ މަތިން ވޯޓު ލިބިވަޑައިގަތް ދެ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މުއިއްޒުއަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، ރައީސް ސޯލިހްއަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.

ދެވަނަ ބުރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދެ ކެންޑިޑޭޓުންވެސް ކޯލިޝަން ހެދުމަށް ގިނަ މަޝްވަރާތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ޕީޕީއެމްގެ ޓީމެއް މި ވަނީ ފާރިސްގެ ޓީމާ ބައްދަލު ކުރައްވާފައެވެ.

އެގޮތުން ފާރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ އިސްލާހާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މިއަދު ކުރެވުނު މި މަޝްވަރާތަކަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އިންސާފާއި ހަމަހަމަކަން އިތުރުކުރުމުގެ އިތުރުން ގައުމީ އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަމުގައި ދެކޭ ކަމަށްވެސް ފާރިސް ވިދާޅުވެފައި ވެއެވެ.

ކޯލިޝަން ހެއްދެވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް މިހާތަނަށް ފާރިސް ހާމަކޮށްފައި ނުވާއިރު އެމްޑީޕީއާއެކު ވެސް މަޝްވަރާ ކުރުމަށް ދައުވަތު ލިބިފައިވާ ކަަމަށް ފާރިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފާރިސަށް ލިބިވަޑައިގަތީ 3،004 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓު ދިން 224،315 މީހުންގެ 1.4 ޕަސެންޓެވެ.

ޕީޕީއެމްއިންވެސް އިންތިހާބު ކާމިޔާބު ކުރުމަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރަމުންދާއިރު އެމްއެންޕީއާއެކު ވަނީ އެ ޕާޓީން ކޯލިޝަން ހަދާފައެވެ. އަދި ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް މަޝްވަރާ ކޮށްފައިވެއެވެ. ސަރުކާރު ހިންގާ މައި ޕާޓީން އިތުރު ބަޔަކާއެކު ކޯލިޝަން މިހާތަނަށް ހަދާފައި ނުވާއިރު ފުރަތަމަ ބުރުގައި އެ ޕާޓީން ކޯލިޝަން ހަދާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އާއެވެ.

އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޯލިޝަން ހެދުމަކީ ދެ ޕާޓީއަށްވެސް ނުހަނު މުހިންމު ކަމަށް މިވަނީ ވެފައެވެ.