"ދަ ޑިމޮކްރަޓްސް" ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މަގާމުތަކަށް ކުރިމަަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑިމޮކްރަޓްސްގެ ޕާލިމަންޓްރީ ގުރޫޕުގެ މަގާމުތަކަށް ވާދަ ކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަަމަށެވެ. އެގޮތުން ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން، ކުރިމަތިލުމަށް އެދޭ ކަމުގެ ލިޔުން މިއަދު 16:00 ގެ ކުރިން އެ ޕާޓީގެ މެއިލް އެޑްރެސްއަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 14 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ. އިންތިހާބު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ މައި އޮފީސް ކަމުގައިވާ ހ.މައިޒާންދޮށުގެ 10 ވަނަ ފަންގިފިލާގައެވެ.

ޕާލިމަންޓްރީ ގުރޫޕަށް އިންތިހާބު ކުރާ މަގާމުތަކަކީ:

  • ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު
  • ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު
  • އަމީންއާންމު
  • ވިޕުން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޑިމޮކްރަޓްސް އަށް ލިބިފައި ވަނީ 15،839 ވޯޓާއެކު އިންތިހާބުގެ ތިން ވަނައެވެ. އަދި މިހާތަނަށް އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް ކަނޑައަޅާފައި ނުވާއިރު ދެ ޕާޓީއާއެކުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ޕާޓީން ބުނެއެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.