ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަަޑައިގެންފި ނަމަ މި ސަރުކާރުން މާލެ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެކި މީހުން ދައްކަމުންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން މާރިޔާ ވިދާޅުވީ، ބައެއް މީހުން ބުނަނީ ގޯތި އަތުލާނެ ކަމަށެވެ. އެމީހަކު ބޭނުންވި ތަނަކުން ގޯތި ނުލިބުނު ކަމަށާއި އަދި އެމީހެއްގެ ތަރިކަ މުދާ ދުކޮށްލަން ޖެހޭތީ ވޯޓު ނުދޭން ތިބި އެތައް ބަޔަކު ތިބި ކަމަށެވެ.
އަދި އަތުގައި އޮތް އެއްޗަކަށް ޝުކުރުވެރި ނުވާން މި ވާހަކަތައް ދައްކައި އެކަމަށް ހައްލެއް ހޯދައި ދިނީމައޭ ވޯޓު ލާނީ ކަމަށް މީހުން ބުނާ ކަން ވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ. އެ ވާހަކަ 'ދައްކަވާ ދައްކަވާ އޮއްވާ' މުއިއްޒު އެ ވަޑައިގަންނަވަނީ އޭނާގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރައްވަން ކަމަށް ގާތް މީހުން ގާތުގައި ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެގޮތުން އެކި ރަށްރަށުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ހިޔާ ފްލެޓް ފަދަ ބައިވަރު ފްލެޓް އަޅައި، ފްލެޓްދީ މާލެއަށް ރަށްރަށުގައި ތިބި މީހުން ގެންނަން މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ މި ސަރުކާރުން އަޅަން ނިންމާފައިވާ ފްލެތްތައް އަތުލައި ގުޅީފަޅުން ވެސް ބާލާނެ ކަމަށާއި ކޯޓްތަކަށް ވަަޑައިގެން އަމުރު ހޯއްދަވައި، އަދި އަމުރާ ނުލައި ވެސް އެތަންތަން އޭނާ އަތުލައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮންމެ މީހަކު ވެސް އަވަަހަށް ރަޖިސްޓްރީ ދޭށޭ ބުނި ކަމުގައި ވިޔަސް އެފަދަ ލިޔުމަކަށް ބަލައިގެން ކަމެއް ނުކޮށް ނުހުންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެން ނޫންނަމަ ނަޝީދު ސަރުކާރުގައި ގުޅީފަޅުން ދިން ގޯތި ރައީސް ޔާމީންގެ ސަރުކާރުން ބާތިލް ނުކުރާނެ ކަމަށާއި އެ މީހުންނަށް ވެސް ބަދަލު ހޯދައި ދީފައިވާނީ މި ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން މި ކަންކަމަށް ވިސްނުމަށާއި މިއީ ވޯޓު ލެވޭނެ ފަހު ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު އަށް މި އިންތިިހާބު ކާމިޔާބު ވެއްޖެ ނަމަ ދެން ވޯޓު ދޭން ފުރުސަރު ލިބުމަކީ ދުރުގައި އޮތް ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވޯޓު ލުމަކީ ހަރާމް ކަމެއް ކަމަށް ވެސް ވިދާޅުވަމުން ކަމަށެވެ.
މިދިޔަ އިންތިހާބުގައި ވޯޓު ދިނުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން ބަައްލަވާލެއްވި އިރު މާލޭގެ މަގުތަކުން ފެނިވަޑައިގަތީ ތަފާތު މަންޒަރެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. މުޅި މާލެ އޮތީ ހިތާމައިގައި ކަމަށާއި ނަމަވެސް ކުރީގެ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓު ދެއްވާފައި ނިކުންނެވި އިރު މުޅި މާލެ އޮތީ އުފަލުން ފުރިފައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭރު މާލޭގެ މަގުމަތިން އުފާވެރިކަން ފެނިގެން ދިޔައީ އަނިޔާވެރިކަމުން ނިކުމެވުނީމައި ކަމަށާއި މި ފަހަރު މާލެ އޮތީ ބޮޑު ކަންބޮޑުވުމެއްގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
ގޮއްޔެ ކެމްޕޭނު ކުރުމުގެ ބަދަލުގައި މުއިއްޒު ވިއްކައިގެން އެންޓި ކެމްޕޭން ކުރީމަތޯއްޗެ ކުރީ މަދު ވޯޓުލިބުނީ.