ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ މައި އިދިކޮޅު ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ)، އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް، ގާސިމްގެ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފިއެވެ.

ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އާ އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ގާސިމާ ބައްދަލުކުރެއްވުމަށްޓަކައި ސެމްބެގެ އިތުރުން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވަޑައިގަތް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ:

  • ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް
  • ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
  • ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު

މި ފަސް ބޭފުޅުންނަށް މާމިގިލި އެއާޕޯޓުން މަރުހަބާ ދެންނެވީ ގާސިމެވެ.

އިތުރު ތަފްސީލް ހާމަނުކުރެއްވި ނަމަވެސް، ކުޑަ ވީޑިއޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގާސިމްގެ އެއް އެޑްވައިޒަރު އަދި ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ވިދާޅުވީ، ސެމްބެ ހިމެނިވަޑައިގަންނަވާ ވަފުދު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވާނެ ކަމަށެވެ.

ގާސިމާ ބައްދަލުކުރެއްވުމަށް ސެމްބެ ހިމެނޭ ވަފުދެއް ދިޔަ ނަމަވެސް، އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އާ އެކީގައި ކޯލިޝަނެއް ހަދަން ޕީޕީއެމުން އޭރު ބޭނުންނުވާ ކަން 'ދަ ޕްރެސް' އަށް އޮތީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީ އާ މަޝްވަރާނުކުރަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިރުޝާދު ވެސް ދެއްވައިފައެވެ.

ނަމަވެސް ޕީޕީއެމްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު މިކަމާ ގުޅިގެން ސުވާލުކުރުމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޔާމީންގެ ލަފަޔާ ހިލާފަށް އިދިކޮޅު ކޯލިޝަނުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނިމިދިޔަ ފުރަތަމަ ބުރުގެ ނަތީޖާ އިން ދައްކާ ގޮތުން، ގާސިމަށް ލިބުނީ 5،460 ވޯޓެވެ.