ކޯލިޝަން ހެދިނަމަވެސް އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ނޯންނާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ ކޯލިޝަން ހެދިނަމަވެސް އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ސަރުކާރަކަށް ނޯންނާނެ ކަމަށާއި ކޯލިޝަން ހަދަން ވަަޑައިގަތީ ޝަރުތަކާ ނުލާ ކަމަށެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަަޑައިގެންނެވި ކަމެއްގައި މުއިއްޒުއަށް އެހީތެރިވެދެއްވަން ހުންނެވި ކަމަށެވެ.
ރަނގަޅު ސަރުކާރެއްގައި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މާޒީއަށް ބަލައިގެން މިއަދު ކަމެއް ނުކުރެވޭނެ ކަމަށާއި އަބަދުވެސް މުސްތަގްބަލް އުޖާލާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެއްބަސްވެ ވަަޑައިގަތީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، މަގާމުތައް ދޫކުރާނެ ގޮތުގެ އިހްތިޔާރު ވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދޫކޮށްލައްވާފައި ކަމަށެވެ.
މީގެއިތުރުން މުޅި އަމާޒު އޮންނާނީ މި އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި މުއިއްޒުއާއެކު ސާބިތުކަންމަތީ ހުންނަވާ މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މި މަހުގެ 30 ގައި ބާއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީއިން ސޮއިކޮށްފައި ވާއިރު ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ. އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.
އަދުރޭ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެ އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކުރިއަށް އޮތް 5 އަހަރު އެކުވެރިކަމާ އެއްބައިވަންތަކަމާ އެކީ އެއްބަސްވުމުގައި ވާގޮތުގެ މަތިން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާވާނެ ގޮތުގައި ހިދުމަތް ކުރުން ކަމަށެވެ. އަދި މައިގަނޑު މަގުސަދަކީ ގައުމުގެ ހުރިހާ ކަމެއް ރަނގަޅު ކުރުން ކަމަށެވެ.