އެކިއެކި ގޮތް ގޮތުން ޗައިނާ ރުޅި އަރުވައިގެންނާއި، ޗައިނާއަށް ފިއްތުންތައް ކުރިމަތި ކޮށްގެން އެގައުމު ބަލިކޮށްލަން ހުޅަނގުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ނުވާނެ ކަމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
މި މޭރުމުން އޭނާ ވާހަކަ ދައްކަވާފައި ވަނީ ރަޝިއާގެ އިރުމަތީ ބިތުގެ ސިޓީއެއް ކަމަށް ވާ ވްލަޑިވިސްޓޮކް ގައި މިހާރު ކުރިއަށް ދާ ފޯރަމެއްގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރެއްގައެވެ.
އޭނާ ވިދާޅުވީ، ޗައިނާ އާއި ރަޝިއާ އާ ދެމެދު ގުޅުން ބަދަހިވެ ކުރިއަރާފައި ވަނީ މީގެ ކުރިން ދެކެފައި ނުވާ މިންވަރަކަށް ކަމަށާއި އެ ގުޅުން އަދިވެސް ދާނީ އިތުރަށް ވަރުގަދަވެ ކުރިއަށް ކަމަށެވެ.
ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ ހުޅަނގާއި އެމެރިކާފަދަ ގައުމުތަކުން ކުށްވެރި ކުރަމުން ދާ އިރުވެސް ޗައިނާ އަކީ އެކަމުގައި ވަކި އަތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.
ނަމަވެސް ހުޅަނގާއި އެމެރިކާއިން ބުނަމުން ދަނީ ރަޝިއާ އަށް ބޭނުންވާ ނުރައްކާތެރި ހަތިޔާރު ފޯރުކޮށް ދޭން ޗައިނާއިން މަސައްކަތް ކުރާ ކަމަށާއި އެކަން އެހެން ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ހުޅަނގާއި އެމެރިކާއިން މިތުހުމަތުތައް ކުރަމުން ދިޔަ ނަމަވެސް ޗައިނާއިން އެކަމުގައި ރައްދެއް ދިނުމުގެ ބަދަލުގައި ކުރި ކަމަކީ، ސުލްހައިގެ މަޝްވަރާތަކަށް ހާއްސަ ކޮށް ޔޫރަޕާއި، ޔޫކްރައިން އަދި ރަޝިއާ އަށް ސުލްހައިގެ މަންދޫބެއް ފޮނުވުމެވެ.
މި ފޯރަމްގައި ޕުޓިން އިތުރަށް ވިދާޅުވީ، ޔޫކްރައިންގެ އަތުގައި ހުރި ހަތިޔާރު ހުސްވީމައި އެމީހުން ސުލްހައިގެ މަޝްވަރާއަށް ބޭނުންވެދާނެ ކަމަށެވެ. އަދި އެ މަގަށް ދިޔުމަށްޓަކައި ރަޝިއާ އާއެކު ސުލްހައިގެ ވާހަކަ ދެއްކުން މަނާ ކުރާ ގާނޫނުތައް އުވާލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ޕުޓިން ވިދާޅުވީ، ހުޅަނގުން ޔޫކްރައިން އަށް ދޭން އުޅޭ އެފް16 މަރުކާގެ ބޮން އަޅާ ބޯޓު ދިނުމަކީ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެ ކަމެއް ކަމަަށެވެ. އަދި މިހާރުވެސް ހުޅަނގުން މަދަދު ދިން ނަމަވެސް ޔޫކްރައިންގެ ރައްދު ހަމަލާތަކުން ކުރިއެއް ނުލިބޭ ކަމަށާއި އޭގެ ބަދަލުގައި ހަލާކުވެ ސުންނާފަތިވެގެން ދަނީ ޔޫކްރައިން ކަމަށެވެ.
ޕުޓިން އެހެން ވިދާޅުވި ނަމަވެސް ހުޅަނގުން މިހާރު ދަނީ ބޯޓުތައް ދޭން އެއްބަސްވެ އެފް16 ދުއްވާނެ ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތެވެ.
ޔޫކްރައިން ހަނގުރާމައިގައި ރަޝިއާގެ ގާބިލުކަމާ ބެހޭގޮތުން ޔޫކޭ އިން ބުނެފައި ވަނީ، އެގައުމުގައި ބޭނުން ކުރާ ކުރު ރާސްތާ އަދި މެދު ރާސްތާގެ މިސައިލާއި މިސައުލުން ދިފާއުވާ ނިޒާމުތައް އަލުން ބަދަލުކޮށް އެޑްވާންސް ކޮށްފައި ވާ ކަމަަށާއި އެކަމުގެ ސަބަބުން، ރަޝިއާގެ ގާބިލުކަން އެ ރޮނގުގައި އިތުރަށް ވަރުގަދަވެފައި ވާ ކަމެކެވެ. އަލަށް ގެނައި އެ ބަދަލާއެކު، ޔޫކްރައިންގެ ތެރެއިން ފޮނުވާލައި ޑްރޯން ފަދަ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ހޯދާފައި ވާ ކަމަށް ވެސް ބުނެއެވެ.
މި ފޯރަމްގައި ޕުޓިން ބައިވެރިވަޑައިގަންނަމުން ގެންދަވާއިރު، ޕުޓިން އާ ބައްދަލު ކުރައްވަން ދެކުނު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިހާރު ވަނީ ރަޝިއާ އަށް ވަޑައިގެންފައެވެ. އަސްކަރީގޮތުން ރައްކާތެރިކަމާއި ގާބިލުކަން ހިމަނާ ފަރުވާ ކޮށްފައި އޮތް ގަދީމީ ރޭލެއްގައި ކިމް ރަޝިއާ އަށް ވަޑައިގެންފައި ވާ އިރު ކުރިއަށް އޮތް 2-3 ދުވަހެއްގެ ތެރޭގައި އެ ދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ރަޝިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބައްދަލު ކުރައްވާނެ ތަނެއް ހާމަ ކޮށްފައެއް ނުވެއެވެ.