މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި، ދެ ވަނަ ބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަން ގެ ނައިބު، ހަސަން ހަބީބް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައި ނުވުމާއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް މިވަނީ ދާން ޖެހިފައެވެ. އެއާއެކު ދެވަނަ ބުރު ބޭއްވުމަށް އީސިީން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ހަބީބް ވިދާޅުވީ، އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ގައި ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށެވެ. އަދި ފޯމު ފުރުމުގެ އިތުރުން އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އަދި ސެޕްޓެމްބަރު 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެފަރާތްތަކުގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އީސީން އާންމު ކުރާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގައި ރީ-ރަޖިސްޓްރީ ވާން މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަން ރަސްމީކޮށް ނިންމުމަށްފަހު އިއުލާން ކުރާނެ ކަމަށްވެސް އީސީގެ ރައީސް ފުވާދު ތައުފީގް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓު) ވޯޓާ އެކު ދެވަނައެވެ. އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101,635 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ. ނަމަވެސް މިދިޔަ އިންތިހާބަށް ވުރެ މި އިންތިހާބުގައި ވޯޓުލީ މީހުން ނިސްބަތުން މިފަހަރު މަދު ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.