ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 1،907 ވޯޓު ލިބިވަޑައިގެންނެވި އެމްއެންޕީގެ ލީޑަރާއި ޓީމު، ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދާން ނިންމައިފިއެވެ.
އެމްއެންޕީ އިން މިގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްއެންޕީން ބުނީ، ކައުންސިލުން އެހެން ނިންމި ނަމަވެސް އެކަން ފައިނަލް ކުރާނީ އެ ޕާޓީގެ އެގްޒެކެޓިވް ކޮމެޓީން ކަމަށެވެ.
އެމްއެންޕީން މިހެން ބުނެފައި ވާއިރު، އެމްއެންޕީ އާއި ޕީއެންސީ / ޕީޕީއެމްގެ ޖޮއިންޓް ޕްރެސް އެއް މިއަދު 2:00 އަށް ތާވަލު ކޮށް، އެ ޕްރެސް މީރުމާގައި ބޭއްވުމަށް ވަނީ ނިންމާފާއެވެ.
އެންމެ މަތިން ވޯޓު ހޯއްދެވި 2 ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކާއެކު އެންމެ ފުރަތަމަ ކޯލިޝަން ހަދާ ޕާޓީއަކަށް ވެފައި މިވަނީ އެމްއެންޕީއެވެ.
ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރި 8 ކެންޑިޑޭޓުންގެ ތެރެއިން ފަހަތުން 2 ވަނަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒު އަށް 101،635 ވޯޓު [46.06 ޕަސެންޓް] ލިބިވަަަޑައިގެންފައި ވާއިރު، 2 ވަނަ އަށް ދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ [39.05 ޕަސެންޓު] 86،161 ވޯޓެވެ. މި ދެ ބޭފުޅުން 2ވަނަ ބުރެއްގައި ވާދަ ކުރައްވަން ޖެހިވަޑައިގެންފައި ވާއިރު އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ 50 ޕަސެންޓާއި 1 ވޯޓު ލިބިވަޑައިގަތުމާ އެންމެ ކައިރީގައި މިވަގުތު އޮތީ ޑރ. މުއިއްޒެވެ. އޭނާ އިތުރަށް ހޯއްދަވަން ޖެހިވަޑައިގަންނަވަނީ 4 ޕަސެންޓް [ގިނަވެގެން 10،000 ވޯޓު] އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް 2-3 ފަރާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ ހިމެނެއެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރޭ އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެ ފަރާތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރިއަށް ދާ ކަމަށެވެ. 1 ފަރާތަކީ ރައީސް ސޯލިހު ކަމަށް ވާއިރު 2 ވަނަ ފަރާތަކީ ޑރ. މުއިއްޒުކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.