މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓް ކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރިޕޯޓުގައި މާލީ ބަޔާނުގައި ހިމެނޭ އަދަދުތަކާއި އެ އިދާރާގެ ހިސާބުތައް ދިމާނުވާ ކަމަށް ބުނާ ބައިގައި ހަދާފައިވާ ހިސާބުގައި ޖަހާފައި އޮތީ އެއް މިލިއަން ރުފިޔާ މަދުންނެވެ.
އެ ރިޕޯޓުގައި އޮޑިޓުގައި ފާހަގަކުރެވުނު މައްސަލަތަކާއި އިސްލާހުކުރަން ލަފާދިން ގޮތުގެ ބައިގައި 7 މައްސަލައެއް ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރެއިން ކައުންސިލްގެ އިދާރާގެ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ކައުންސިލްގެ އިދާރާގެ ރެކޯޑުތަކާ ދިމާނުވުމާއި މާލީބަޔާނާއި މާލީ ބަޔާނާގުޅޭ ނޯޓުތަކާ ދިމާނުވާ މައްސަލައިގެ ބައިގައި 3 ކަމެއް ވަނީ ފާހަގަ ކޮށްފައެވެ. އެއީ މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވުމާއި، މާލީ ބަޔާނުގެ މޫނުމަތީގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އެއާގުޅޭ ނޯޓު ތަކާ ދިމާނުވުން އަދި އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތަކުން އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި ދައްކާ އަދަދު ތަފާތު ވުމެވެ.
މީގެ ތެރެއިން މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވާ މައްސަލަ ފާހަގަކޮށް އެ ރިޕޯޓްގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" ގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަދަދަކީ 6,305,813 ރުފިޔާ ކަމަށެވެ. ނަމަވެސް އެއާ ގުޅޭ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުގެ ސަބަބުން އެ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެފައި ވެއެވެ.
ހަމައެއާއެކު އެ އަހަރުގެ މާލީ ބަޔާނުގެ "ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" ގައި ކުރި ހަރަދުގެ ގޮތުގައި ހިމާނާފައި ވަނީ 5,292,604 ރުފިޔާ ކަމަށާއި ނަމަވެސް އެ އަހަރު ތެރޭގައި އެ އިދާރާއިން ކުރި ހަރަދުގެ ޖުމްލަ އަދަދުކަމަށް އެ އިދާރާގެ ހިސާބުތަކުން ވިޔަ ޕޯޓަލް އިން ދައްކާ އަދަދަކީ 3,117,258 ރުފިޔާ ކަމަށް އޮޑިޓުން ބުނެއެވެ.
އެ އިދާރާއިން ހަރަދު ކުރި ވަރު ވިޔަ ޕޯޓަލް އިން ދައްކާ އަދަދަށް ވުރެ، ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުގައި 2،175،346 ރުފިޔާގެ ތަފާތެއް ފާހަގަ ކުރެވެއެވެ. ނަމަވެސް ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި އެ އިދާރާއިން ކުރި ޖުމްލަ ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށްވުރެ އިތުރު ވަނީ 1,175,346 ރުފިޔާ ކަމަށެވެ. މި އަދަދުން 1 މިލިއަން ރުފިޔާ މަދުވެފައިވާ އިރު، މިއީ އޮޑިޓް ރިޕޯޓުން ފާހަގަވި ކުށެކެވެ.
އޮޑިޓް ރިޕޯޓެއް ނެރޭއިރު ކުށް ފިލާފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް މި ކުށް ޖެހުނު ގޮތް އެ އިދާރަައިން ސާފުވާ ގޮތެއް އަދި ނުވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، 1,175,346 ރުފިޔާގެ ފަރަގު އައިގޮތް ދެނެގަނެ ރިކޮންސައިލް ކޮށްފައި ނުވާ ކަމަށާއި "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ކައުންސިލްގެ އިދާރާގެ ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުވާކަމަށެވެ. މީގެއިތުރުން މާލީ ބަޔާނުގެ "ފައިސާ ލިބުނު ގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން" އަދި "ފާސްކުރެވުނު ބަޖެޓާ އެބަޖެޓުން ހޭދަ ކުރެވުނުގޮތުގެ ބަޔާނު" ގެ މޫނުމަތީގައި ހިމަނާފައިވާ ބައެއް އަދަދުތަކާ ގުޅޭ ނޯޓުތަކުގައި ބަޔާންކޮށްފައިވާ އަދަދުތަކާ ދިމާ ނުވާކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެ ކައުންސިލްގެ އިދާރާގެ 2020 ވަނަ އަހަަރުގެ ނިޔަލަށް މާލީ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރުވެނު ގޮތުގެ ބަޔާން" އިން ދައްކާ ގޮތުގައި އެ ކައުންސިލްގެ އިދާރާގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ޖުމްލަ އަދަދަކީ 4,744,088 ރުފިޔާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ކައުންސިލްގެ އިދާރާގެ ބޭންކް ސްޓޭޓްމަންޓާއި ތިޖޫރީ ބާކީއިން ދައްކާ ގޮތުގައި އެ އަހަަރުގެ ނިޔަލަށް ކައުންސިލްގެ އިދާރާގައި ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ ޖުމުލަ 2,071,060 ރުފިޔާއެވެ.
އެހެންކަމުން 2020 ވަނަ އަހަރު ނިމުނު އިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި އެ އިދާރާގެ ރެކޯޑުތަކުން ދައްކާ އަދަދުގައި ޖުމުލަ 2,673,028 ރުފިޔާގެ ފަރަގު ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެ ރިޕޯތްގައި މި ތަފާތު ހިސާބު ކޮށްފައި ވަނީ ރަނގަޅަށެވެ.
އޭޖީން ނެރުނު މި ރިޕޯޓަކީ މި މަހުގެ 3 ވަނަ ދުވަހު އާންމުކޮށްފައިވާ ރިޕޯޓެކެވެ.