އަންހެނުންގެ ވޯލްޑްކަޕްގައި ސްޕެއިން ޓީމުން ޗެމްޕިއަންކަން ހޯދުމާއެކު، އެ ޓީމުގެ ކެޕްޓަނުގެ ތުންފަތަށް ދޮނެއް ދިން މައްސަލަ ހޫނުވަމުން ގޮސް އެންމެ ފަހުން ލުއިސް ރުބިއާލޭސް އިސްތިއުފާ ދީފިއެވެ.

ސްޕެއިން ސޮކާ ފެޑެރޭޝަންގެ ރައީސްކަން ކުރާ ރުބިއާލޭސް މީގެ ކުރިން މަސައްކަތް ކޮށްފައި ވަނީ އޭނާ ދޮން ދިން މައްސަލަ ދިފާއު ކުރުމަށެވެ. އެގޮތުން އެކަމުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަންވެސް ކުރާނެ ކަމަށާއި އޭނާގެ ނަން ހަރާބުވި މައްސަލަ ސާފުކޮށް ބަރީއަވާން ބޭނުންވާކަމަށް ބުނެފައި ވެއެވެ.

އޭނާ ބުނީ، އެކަމުގެ ސަބަބުން އޭނާގެ އާއިލާ އަށާއި ރައްޓެހިންނަށް ކުރިމަތިވަމުން ދާ ނުތަނަވަސްކަމާއި އުދާސްތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެފައި ވާ ކަމަށެވެ.

ވޯލްޑް ކަޕްގެ ތަށި ސްޕެއިން ޓީމުން އުފުލާލި އިވެންޓުގައި ރުބިއާލޭސް ދިން ދޮނުގެ މައްސަލައިގައި ސްޕެއިންގެ އެތެރެއިންނާއި ބޭރުން ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ އިރު ރުބިއާލޭސް ފުރަތަމަ ބުނީ އެއީ ރުހުމުގައި ކުރި ކަމެއް ކަމަށެވެ. ނަަމަވެސް ޓީމުގެ ކެޕްޓަން ޖެނިފާ ހަމޯސޯ ބުނީ، އެކަމުގައި އޭނާގެ ރުހުން ނެތް ކަމަށާއި އެއީ ބަލައިގަނެވޭނޭ ކަމެއްވެސް ނޫން ކަމަށެވެ.

އެއާއެކު ދުނިޔޭގެ އެތަން މިތަނުން ހަމޯސޯގެ ދިފާއުގައި އަޑުއުފުލައި ސްޕެއިންގެ ކުޅިވަރުގެ މުސްތަގުބަލާ މެދު ސުވާލު އުފައްދާފައި ވެސް ވެއެވެ.

"އަހަންނަށް ހީވަނީ ރުބިއާލޭސް ކުރި ކަންތައް ގޯސްހެން، ޗެމްޕިއަންކަން ލިބިގެން ލިބެންވީ ނަމާއި ޝަރަފުގެ ބަދަލުގައި އެންމެންގެ ސަމާލުކަން ހުއްޓުނީ ރުބިއާލޭސް ކުރި ކަންތަކަށް، އެހެން ކަމުން އޭނާ މަގާމުން ދުރުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ދެކެން" ހަމޯސޯ ސީއެންއެން އަށް ދިން ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ރުބިއާލޭސްގެ ކިސް [ދޮން] މައްސަލަ ބޮޑުވެގެން ދިޔަ އިރު ސްޕެއިން އަކީ، ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ބޮޑެތި މުޒާހަރާތައް ވެސް މީގެ ކުރިން ކޮށްފައި ވާ ގައުމެކެވެ.