ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއިން މި ސަރުކާރަށް ލިބިގެން ދިޔައީ ގަބޫލުކުރަން ދަތިވާ ވަރުގެ ހަބަރެކެވެ. "އެއްބުރުން އެއްބުރުން އެއްބުރުން" އަދި "ކުރިއަށް ކުރިއަށް ކުރިއަށް" އަޑު ބާރުކޮށް ކިޔަމުން ދިޔަ އިރު، ސަރުކާރުން އުންމީދު ކޮށްގެން ތިބީ މި އިންތިހާބު އެއްބުރުން ކާމިޔާބުކޮށް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ކަން ވީ ހީކުރި ގޮތަކަށް ނޫނެވެ. ދިމާ އިދިކޮޅަށެވެ. ދެވަނަ ބުރަކަށް ދިޔަ އިރުވެސް ދެވަނައަށް ވެއްޓި މުޅި އިންތިހާބުގެ ވޯޓުގެ 40 ޕަސެންޓް ވެސް ސަރުކާރަށް ނުލިބުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީގެ ކުލަ ޖެއްސުމަށް އުފާވެރި އަމާން ރާއްޖެއެއްގެ ޗާޓުތައް ކުރަހައިދެމުން ދިޔަ އާބާދީ ބޮޑެތި ސަރަހައްދުތަކުން ވެސް އަންދާޒާ ކުރި ވަރާ ގާތަށް ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ލިބިވަަޑައިގެންފައެއް ނުވެއެވެ.

މާލެއިން ގޯތި ދީގެން ވެސް ސޯލިހަށް މެޖޯރިޓީއެއް ނުނެގުނު!

ރިޔާސީ އިންތިހާބާ ދިމާކޮށް ތަރައްގީގެ އެންމެ ބޮޑު ބަދަލެއް ގެނެސް ދޭނެ އެއް ތަނެއްގެ ގޮތުގައި ރައީސް ސޯލިހް ގިނަ ވައުދުތަކެއް ވެވަޑައިގެން އެއް ސަރަަހައްދަކީ މާލެ ސަރަހައްދެވެ. ވެރިކަމަށް ވަޑައިގެން އިރު ވެސް ގިނަ ކަންކަން ފުއްދައި ދެއްވައި މާލޭގެ ޗާޓު ބަދަލުކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެ މަގުމަތީ މީހުން ނިކުމެ އުޅެނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މި ސަރުކާރު ނިމުމާ ހަމައަށް ދިޔަ އިރު ވެސް މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ވެވަޑައިގެން ވައުދު ފުއްދެވުމަށް އަވަސް އަރުވާލައިގެން މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް ނިންމައި އެ ސްކީމްގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ޝަތުރު ހަމަވި ޖުމްލަ 19،631 މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި 18،948 މީހުންނަށް ގޯތި ދޭން ވަނީ ނިންމާފައެވެ. އަދި އެމީހުންނަށް ގޯތި ލިބޭނެ ތަންތަން ގުރުއަތުލައިގެން ނެގުމަށް ފަހު ވަނީ ބައެއް ފަރާތްތަކަށް އިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައެވެ. އަދި ކުރިއަށް އޮތް އޮކްޓޯބަރު މަސް ނިމެންވާ އިރަށް ހުރިހާ ފަރާތަކަށް ގޯތި ކަނޑައި ބިން ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލު ކުރުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ގާތްގަނޑަކަށް 19 ހާހެއްހާ މީހުންނަށް މާލެ ސަރަހައްދު ގޯތި ދިނުމަށް ނިންމާފައިވީ ނަމަވެސް މާލެ ސަރަހައްދުން މި އިންތިހާބުގައި ރައީސް ސޯލިހަށް އެ އަދަދާ ގާތަށް ވެސް މީހުން ވޯޓު ދީފައެއް ނުވެއެވެ. މާލެ ސަރަހައްދުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 13،626 ވޯޓެވެ. ނަމަވެސް އެމަނިކުފާނާ ވާދަކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ 17،189 ވޯޓު ލިބިވަަޑައިގެންފައެވެ.

މާލެ ސަރަހައްދުން ވޯޓު މަދުވެ މެޖޯރިޓީ ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް މެޖޯރިޓީ ނުލިބުނީ ކީއްވެ ކަމީ އުފެދޭ ސުވާލެކެވެ. މި ސަރުކާރާ ހަވާލުވެވަޑައިގެން އިރު، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލޭގެ ޕޯޓް ގުޅީފަޅަށް ބަދަލުކޮށް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމާއި ތިލަމާލެ ބްރިޖް މަޝުރޫއާއެކު މި ސަރަހައްދުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ޕްރޮޖެކްޓް ފެށިތާ ދޮޅު އަހަރުވެގެން ދާއިރު އަދި ވެސް ބްރިޖު އަޅަން ކަނޑުގައި ޖަހަމުންދާ ޕައިލްތައް ފިޔަވާ އިތުރު ކުރިއެރުމެއް ފެނިފައެއް ނުވެއެވެ.

މާލެ ސަރަހައްދުން ތިލަމާލެ ބްރިޖްގެ ޑެކް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް

މި މަޝްރޫއުތައް ނުނިމި އޮތް އިރު މަޝްރޫއުތައް ނިންމެވުމަށް އިތުރު ދައުރެއް ދެއްވުމަށް އެދިވަޑައިގެން ރައީސް ސޯލިހް ވަނީ މާލެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމަށް ބުނެ އުފާވެރި މާލެ މެނިފެސްޓޯއެއް އިފްތިތާހު ކުރައްވާފައެވެ. ނަމަވެސް މަޝްރޫތައް ކުރިއަށްދާ ސްޕީޑަކީ މާލެ ރައްޔިތުން ބޭނުންވާ ސްޕީޑް ނޫން ކަން މި ވަނީ ވޯޓުން ބުނެ ދީފައެވެ. ޗާޓު ކިތަންމެ މޮޅަށް ކުރެހުނަސް އަމަލީ ގޮތުން މަޝްރޫއުތައް ހިންގުމުގައި ލަސްތަކެއް އުޅުމަކީ މާލެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް މި ވަނީ ބުނެފައެވެ.

އައްޑޫގެ 3 ރަށެއްގެ މެޖޯރިޓީ ލިބުނަސް އެ ސިޓީން ލިބުނީ މޮޅެއް ނޫން!

6 ރަށެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ހިމެނޭ އެއް ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީއަކީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް އުންމީދު ކޮށްގެން އޮތް ދެވަނަ ސަރަހައްދެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖެއްސެވި މުހައްމަދު އަސްލަމާއި އަދި އެމްޑީޕީއަށް ނިސްބަތްވާ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، ރައީސް ސޯލިހްއާ އެކު ހުންނެވުމަކީ 20،300 މީހުންގެ އާބާދީއެއް އޮތް އައްޑޫން ބޮޑު ކާމީޔާބީއެއް ލިބޭނެ ކަމަށް ދުށް އެއް ސަބަބެވެ. ނަމަވެސް އެ މުޅި ސިޓީން ވެސް ރައީސް ސޯލިހަށް މެޖޯރިޓީ ލިބިފައި ވަނީ ތިން ރަށަކުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ / ފޮޓޯ: ކެމްޕެއިން ޓީމު

އައްޑޫގެ ވޯޓުގެ ނަތީޖާ: ސޯލިހަށް 7059، މުއިއްޒަށް 6111 ވޯޓް

  • ހުޅުދޫ: ސޯލިހަށް 223 ވޯޓް، މުއިއްޒަށް 377
  • މަރަދު ފޭދޫ: ސޯލިހަށް 358 ވޯޓް، މުއިއްޒަށް 245
  • ހިތަދޫ: ސޯލިހަށް 2871 ވޯޓް، މުއިއްޒަށް 1908
  • ފޭދޫ: ސޯލިހަށް 801 ވޯޓް، މުއިއްޒަށް 844
  • މަރަދޫ: ސޯލިހަށް 630 ވޯޓް، މުއިއްޒަށް 386
  • މީދޫ: ސޯލިހަށް 406 ވޯޓް، މުއިއްޒަށް 557
  • އައްޑޫ ސީޓީ، މާލޭއިން: ސޯލިހަށް 1770 ވޯޓް، މުއިއްޒަށް 1794

ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގެންނެވި ރަށްރަށުގެ ތެރޭގައި މަރަދޫ އާއި މަރަދޫ ފޭދޫ އާއި ހިތަދޫ ހިމެނެއެވެ. ދެން ބާކީ ރަށްރަށުން މެޖޯރިޓީ ލިބިވަަޑައިގެންފައި ވަނީ މުއިއްޒަށެވެ. މުޅި އައްޑޫ ސިޓީގެ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހަށް 7059 ވޯޓު ލިބިވަޑައިގެންފައިވާ އިރު، މުއިއްޒަށް ލިބިވަަޑައިގެންފައި ވަނީ 6111 ވޯޓެވެ. ރައީސް ސޯލިހު އެ ސިޓީން ކުރި ހޯއްދަވާފައި ވަނީ 948 ވޯޓުގެ ތަފާތަކުންނެވެ. މިއީ ހިތަދޫއަށް ނިސްބަތްވާ އަސްލަމް އާއެކު ރައީސް ސޯލިހް ނިކުމެވަޑައިގެން އިރު ލިބިވަަޑައިގަންންވާނެ ކަމަށް އަންދާޒާ ކުރެއްވި އަދަދު ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ އިން ވެސް ސޯލިހަށް ބުނީ ނޫނެކޭ!

ކެމްޕެއިން ދުވަސްވަރު އިންތިހާބު ފެށުމަށް ގާތްވެފައި ވަނިކޮށް ރައީސް ސޯލިހް ވަނީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. މީގެ އިތުރުން ކެމްޕެއިން ތެރޭގައި ގއ. ތިނަދޫގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާ އެކު އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އެ ސީޓީގައި ހިންގަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ ކޮމާޝަލް ހާބަރަކާއެކު ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްޕީއެލް ފަދަ އެތައް މުއައްސަސާއެއްގެ މަސައްކަތް ފަށައި އެތައް ސަތޭކަ ވަޒީފާއެއް އުފައްދައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހް ކެމްޕެއިނަށް ތިނަދޫގައި

އެ ސިޓީން މި އިންތިހާބުގައި ދިން ވޯޓުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސޯލިހަށް ލިބިވަަޑައިގެންފައި ވަނީ، 890 ވޯޓެވެ. އަދި އެމަނިކުފާނާ ވާދަކުރެއްވި ކެންޑިޑޭޓް ޑރ. މުއިއްޒަށް ވަނީ 1229 ވޯޓް ލިބިވަަޑައިގެންފައެވެ. ހަަމައެއާއެކު ފުވައްމުލަކުގެ ނަތީޖާއަށް ބަލާ އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ، 2524 ވޯޓެވެ. އަދި މުއިއްޒަށް ވަނީ 3049 ވޯޓް ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީން ވެސް ރައީސް ސޯލިހަށް ވުރެ މުއިއްޒަށް ވަނީ އިތުރަށް ވޯޓް ލިބިވަަޑައިގެންފައެވެ. ސޯލިހަށް 1265 ވޯޓް ލިބިވަަޑައިގެންފައިވާ އިރު ކުޅުދުއްފުށިން މުއިއްޒަށް ލިބިވަަޑައިގެންފައި ވަނީ 2009 ވޯޓެވެ. މި ނަތީޖާއިން ފެންނަ ގޮތުގައި ރާއްޖޭގެ ހުރިހާ ސިޓީއަކުން ވެސް ރައީސް ސޯލިހަށް މި ވަނީ ނޫނެކޭ ބުނެފައެވެ.

ހިންނަވަރުން ދެއްކި ކުލައާއި ލިބުނު ވޯޓުގައި ބޮޑު ތަފާތެއް!

އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި ރިޔާސީ އިންތިހާބަށް ހިންގި ކެމްޕެއިން ހަރަކާތުގައި ފެނިގެން ދިޔައީ ރީނދޫ ކުލައިން ޖަރީވެފައިވާ އެ ރަށާއި އެ ރަށުގެ ރައްޔިތުންނެވެ. ރައީސް ސޯލިހުގެ ކެމްޕެއިންގައި އެރަށުން ކިއި މަރުހަބާއާ ނުބައްދަލު ނަތީޖާއެއް ލިބި ތާއީދު ދަށަށް ގޮސްފައިވާ ކަން މި ވޯޓުގެ ނަތީޖާއިން ވަނީ ހާމަވެފައެވެ. 2149 މީހުންގެ އާބާދީއެއް އޮތް ޅ. ހިންވަރުން ރައީސް ސޯލިހަށް ދީފައި ވަނީ 923 ވޯޓެވެ. އަދި ވާދަވެރި ކެންޑިޑޭޓް މުއިއްޒަށް ވަނީ އެ ރަށުން 883 ވޯޓު ލިބިވަަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. ހިންނަވަރަށް ވަޑައިގަތުން/ ފޮޓޯ: ކެމްޕެއިން ޓީމު

ހިންނަވަރުން ރައީސް ސޯލިހަށް ލިބިވަަޑައިގަންނަވާނެ ވޯޓު ގިނަ ވާނެ ކަމަށް އުންމީދު ކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ އުފަން ރަށަށް ވުމާއި މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އެ ރަށުގައި ހިންގަން ނިންމާފައި އޮތް އޮތުން އެއީ ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް އެ ރަށުން އެ ވަރުގެ ތާއީދެއް ނުލިބުނު ސަބަބުތަކުގެ ތެރޭގައި އެ ރަށުގައި ހިންގާ މަޝްރޫއުތައް ލަސް ކަމުގެ ޝަކުވާތަކާއި އެ ރަށުން ބިން ހިއްކައި ގޯތި ދިން އިރު ވެސް އެ ސަރަހައްދަށް އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާތައް ހަމަޖައްސާފައި ނެތުމަކީ އެ ރަށުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ.

ކެމްޕެއިން ދަތުރުތައް ހިންގަމުން ދިޔަ އިރު ޑރ. މުއިއްޒު ވަނީ އެފަދަ ކަންކަން ބައްލަވާ އެކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ. އެހެންކަމުން އެ ރަށުގެ މީހުންވެސް ރައީސް ސޯލިހް ނޫން ގޮތެއް ހޯދުމަށާއި ތަރައްގީގެ މަޝްރޫއުތައް ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ޑރ. މުއިއްޒު ތަޖުރިބާ ކޮށްލުމަށް ވޯޓު ދިނީ ކަމަށް ގަބޫލު ކުރެވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. ހިންނަވަރަށް ވަޑައިގަތުން/ ފޮޓޯ: ކެމްޕެއިން ޓީމު

މުޅި މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ހިމެނޭ 20 އަތޮޅުގެ ތެރެއިން ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަަޑައިގެންފައި ވަނީ ތިން އަތޮޅަކުންނެވެ. އެއީ ޅ އަތޮޅާއި، އއ އަދި އައްޑޫ ސިޓީންނެވެ. ނަމަވެސް 17 އަތޮޅުގެ މެޖޯރިޓީއަކާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ ޑރ. މުއިއްޒެވެ. ދެވަނަ ބުރުގައި ގަދަ ހިފުމަކަށް ދާން ޖެހިފައިވާ އިރު، ރައީސް ސޯލިހަަށް މިވަނީ "ގޭމް" ބަދަލުކޮށްލަން ޖެހިވަަޑައިގެންފައެވެ. ރައްޔިތުން އެދޭ ފަދަ ބަދަލެއް ނުދެއްކިއްޖެ ނަމަ މި އިންތިހާބުން ނާކާމިޔާބު ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.