މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ހޯދުމަށް 300 ފުލުހުންނަށް ޕްރޮމޯޝަން ދޭން ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ބުނީ އިންތިހާބާއި ގުޅިގެންވެސް، އަދި އެ ނޫން އިރެއްގައިވެސް މިދިޔަ 5 އަހަރު ތެރޭގައި އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވާ ކަމަށެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައިވާ ގޮތުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ޕްރޮމޯޝަން ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ކުރާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް ޕްރޮމޯޝަންދޭން ސަރުކާރުން އަންގާފައިވާ ކަމަށް ބުނާ ހަބަރަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫން ކަމަށާއި ފުލުހުންނާ ގުޅޭގޮތުން ތަކުރާރުކޮަށް، ފުލުހުންގެ ހިދުމަތުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް އެފަދަ ދޮގު ވާހަކަތައް ލިޔުމަކީ ފުލުހުންގެ ހިދުމަތުން ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ އެ ހަބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ގުޅިގެން އެއްވެސް ކަމެއް ސާފުކުރުމަށް ފުލުހުންގެ ކިބައިން އެދިފައިނުވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ހިލާފު މިފަދަ ކަންކަން ނުކުރަން ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރާ ކަމަށެވެ.